"ހަނގުރާމައެއްގެ ތެރޭގައި ހުންނައިރު، އެއީ ހަނގުރާމައިގެ ވަގުތެއް ނޫން ކަމަށް ހަދައިގެން ނޫޅެވޭނެ" ކަމަށް، އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގަމުންދާ އުދުވާންތަކަށް އިޝާރާތް ކުރައްވައި، އީރާނުގެ ޖުޑިޝަރީގެ އެންމެ މަތީ ވެރިޔާ ޣުލާމްޙުސައިން މުޙްސިނީ-އެޖެއީ ވިދާޅުވެއްޖެއެވެ.

"އަހަރެމެން ހަނދާން ބަހައްޓަންޖެހޭނެ، ދުޝްމަނާއެކު މިހާރު މިހިނގާ ކުރިމަތިލުމަކީ ގައުމުގެ ވުޖޫދާ ގުޅިފައިވާ ހަނގުރާމައެއްކަން،" މިއަދު ތެހެރާންގައި އެގައުމުގެ އިގްތިސާދީ މާހިރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން،އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މުޖުރިމު ޒަޔަނިސްޓުން ބޭނުންވަނީ އީރާނު މުޅިން ސުންނާފަތިކޮށް ނައްތާލަން ކަމަށާއި، އިޒުރޭލުގެ ވެރިކަން ދެމިއޮތުމަކީ މުޅި އިންސާނިއްޔަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

އީރާނުން މިހާރު ވަނީ އެމެރިކާގެ އުޅަނދުތަކަށް ގަލްފުގެ ސަރަހައްދަށް ވަދެ ބޭނުން ގޮތަކަށް މީގެފަހުން ނޫޅެވޭނެ ކަމަށާއި އެފަދަ ފުރުސަތެއް ވެސް އީރާނަކުން ނުދޭނެ ކަމަށް ބުނެ އިންޒާރު ވެސް ދީފައެވެ.