ފަލަސްތީނުގެ ޣައްޒާ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެތީގެ އަސާސީ އެހީތެރިކަން މީގެ ކުރިން ދުވަހަކު ވެސް އިތުރުނުވާ މިންވަރަށް މަތިވެ، މުޅި ޣައްޒާ ބަނޑަށް މަރުވުމުގެ މަރުހަލާއެއްގައި އޮތް ކަމަށް ހަބަރުތައް ބުނެފިއެވެ. އިޒްރޭލުގެ ރަހުމްކުޑަ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާތީ، ޣައްޒާ ރައްޔިތުން ތިބީ ބޯނެ ސާފު ފެނެއް ނުވަތަ ކާނޭ އެއްޗެއް ނެތި، ވަރަށް ނިކަމެތި ހާލެއްގައެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ އާއިލާއެއް ދަނީ އެހީއަށް އެދި ގޮވަމުންނެވެ. އާންމުން ދިރިއުޅެމުންދަނީ ކުނިބުނިތަކުގެ މެދުގައެވެ.
މި ލޭއޮހޮރުވުން ބޮޑު ހަނގުރާމަ ފެށިފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ރައްދުގައި ހިންގި "އަލް-އަޤްޞާ ފްލަޑް" އޮޕަރޭޝަނާ ގުޅިގެންނެވެ. އެއަށްފަހު އިޒްރޭލުން ދަނީ ޣައްޒާގެ ރައްޔިތުން އެއްކޮށް ނައްތާލުމަށް ނަސްލު ނައްތާލުމުގެ ބޮޑު ހަނގުރާމައެއް ހިންގަމުންނެވެ. މިހާރު ޣައްޒާގެ %95 އަށްވުރެ ބޮޑު ސަރަހައްދެއް އެއްކޮށް ސުންނާފަތިވެ، މުޅި ޣައްޒާ އޮތީ ހިސާރުކޮށްފައެވެ.
މި ހަނގުރާމައިގައި މިހާތަނަށް ލިބިފައިވާ ރަސްމީ ގެއްލުންތަކުގެ އަދަދުތަކަށް ބަލާއިރު، 75،500 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 17،000 އަށްވުރެ ގިނައީ ކުޑަކުދިންނެވެ. ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު 102،000 އަށްވުރެ މަތީގައި އުޅޭއިރު، އިމާރާތްތަކުގެ ދަށުގައި ވެދާނެ ކަމަށް ބެލެވޭ ގެއްލިފައިވާ މީހުންގެ އަދަދު 10،000 އަށްވުރެ ގިނައެވެ. ޣައްޒާގެ އުމްރާނީ ބިނާތަކުގެ %85 ވަނީ އެއްކޮށް ބިމާ ހަމަކޮށްލާފައެވެ.
ބާރުގަދަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމު އެއްކޮށް ހަލާކުވެފައިވާއިރު، ހޮސްޕިޓަލްތަކުން ބޭހާއި މެޑިކަލް ސާމާނު ވަނީ މުޅިން ހުސްވެފައެވެ. ކަރަންޓުގެ ހިދުމަތް ކެނޑި، ޖެނެރޭޓަރުތައް ހިންގާނެ ތެޔޮ ނެތުމުގެ ސަބަބުން، އައިސީޔޫގައި ތިބި ކުޑަކުދިންނާއި ބަލިމީހުންގެ ފުރާނައަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ކާނާ ނުލިބުމުގެ ސަބަބުން ކާނާއިން މަދުވުމުގެ ބަލިތައް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ފަރުވާ ނުދެވިގެން ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވެއެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އެހީގެ ގާފިލާތައް ރައްކާތެރިކަމާއެކު ޣައްޒާއަށް ވެއްދުމަށްޓަކައި ބޯޑަރުތައް ހުޅުވުމަށް ތަކުރާރުކޮށް ބާރުއަޅަމުންނެވެ. ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ އެހީގެ ބޯޓުތަކާއި ލޮރީތައް ހިފަހައްޓައި، އެތެރެވުމަށް އެކި ކަހަލަ ހުރަސްތައް ކުރިމަތިކުރަމުންނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގޭ ވަރަށް ބޮޑު ޖަރީމާއެކެވެ. މުޅި ދުނިޔެ މިކަމާ ދެކޮޅަށް ތެދުވަން ޖެހެއެވެ.




