ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިޒުރޭލުން ދިން ނުރައްކާތެރި ވައިގެ ހަމަލާތަކެއްގައި، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ހަރަކާތުގެ ދެ ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
މި ހަފުތާގެ ހޯމަ ދުވަހު ދިން މި ހަމަލާތަކުގައި ޝަހީދުކޮށްލާފައި ވަނީ އިސްލާމިކް ޖިހާދުގެ ރޮކެޓް ނިޒާމުގެ ޕްލެޓޫންގެ ނައިބު ކޮމާންޑަރު ޢަބްދުﷲ މުނީރު މަޙްމޫދު ޙިރްޒު އަދި ޙަމާސްގެ އަސްކަރީ ވިންގުގެ އައްދަރަޖު ތުއްފާޙު ބެޓޭލިއަންގެ ސްނައިޕަރެއް ކަމަށްވާ މުޙައްމަދު ވާޢިލް މުޞްޠަފާ ޝަޢުޝަޢާއެވެ.
އިސްރާއީލު އަސްކަރިއްޔާއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޢަބްދުﷲ ޙިރްޒު ޝަހީދުކޮށްލާފައި ވަނީ ޣައްޒާގެ އައްދަރަޖު ތުއްފާޙު ސަރަޙައްދަށް ދިން ވައިގެ ހަމަލާއެއްގައެވެ. އަދި މުޙައްމަދު ޝަޢުޝަޢާ ޝަހީދުކޮށްލާފައިވަނީ ޣައްޒާ ސިޓީއަށް އަމާޒުކޮށް ދިން ވަކި ހަމަލާއެއްގައެވެ.
އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި މި ދެ ބޭފުޅުންނަކީ އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ސްނައިޕަރު ހަމަލާތައް ދިނުމަށާއި، އަދި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ޖަމާއަތްތަކުގެ އަސްކަރީ ގާބިލުކަން އަލުން ބިނާކުރަން މަސައްކަތްކުރަމުން ދިޔަ ދެ ބޭފުޅުންނެވެ.
މި ހަމަލާތަކާ ގުޅިގެން ފަލަސްޠީނުގެ މަސްދަރުތަކުން ބުނާގޮތުގައި، އިސްރާއީލުން ދަނީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ ވާހަކަތައް ދެކެވޭ ދަނޑިވަޅުތަކުގައި ވެސް ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވައިގެ މަގުންނާއި އެއްގަމު މަގުން ދޭ ހަމަލާތައް ވަރުގަދަކޮށް، ފަލަސްޠީނުގެ މުޖާހިދުންނާއި އާންމު ރައްޔިތުންނަށް އަމާޒުކޮށް ލޭއޮހޮރުވުންތައް އިތުރުކުރަމުންނެވެ.




