އިސްރާއީލުން މަސައްކަތް ކުރަމުންދަނީ ސޫރިޔާގެ ހަމަޖެހުން ނަގާލައި، އެ ސަރަޙައްދުގައި ހަމަނުޖެހުން އުފެއްދުމަށް ކަމަށް ތުރުކިޔޭގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
އުރުދުޣާން މިހެން ވިދާޅުވީ ސޫރިޔާގެ މަސްރަޙާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިސްރާއީލުން ސޫރިޔާގެ ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތަކަކީ މުޅި މެދުއިރުމަތީގެ ޞުލްޙަ މަސަލަސްކަން ނައްތާލުމަށް ރާވައިގެން ހިންގާ އުދުވާނެކެވެ. އަދި ސޫރިޔާގެ އިސްތިޤްލާލާއި ސިޔާދަތަށް އިސްރާއީލުން އަރައިގަންނަމުންދާ ދިއުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ހުއްޓުވަން ޖެހޭ ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.
ރައީސް އުރުދުޣާން އިތުރަށް ވިދާޅުވީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޤަތުލުއާންމު ފުޅާކޮށް، ސަރަޙައްދީ ހަނގުރާމައަކަށް ހެދުމަށް އެ ޤައުމުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސޫރިޔާގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަވަށްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށްވެސް އޭނާ ބާރުއަޅުއްވައި ވިދާޅުވިއެވެ.
ތުރުކިޔޭއިން އަބަދުވެސް މަސައްކަތް ކުރާނީ ސޫރިޔާގެ ރައްޔިތުންނަށް އަމާންކަން ހޯދައިދިނުމަށާއި، ބޭރުގެ ނުފޫޒުތަކުން އެ ޤައުމު ސަލާމަތްކުރުމަށް ކަމަށް އުރުދުޣާން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ފަހަކަށް އައިސް އިސްރާއީލުން ސޫރިޔާގެ އެކި ސަރަޙައްދުތަކަށް، ޚާއްޞަކޮށް ވެރިރަށް ދިމިޝްޤާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދެމުންދާކަން ފާހަގަކުރެވެއެވެ. މި ޙަމަލާތަކުގެ ސަބަބުން ސަރަޙައްދީ ނުތަނަވަސްކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.




