ދުނިޔޭގެ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅިގެން، އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިޞްރުގެ އެއާލައިން ފުލައިޓު ކައިރިޔަށް ޙޫޘީން މިއަދު ޙަމަލާ ދިނުމާއި، ސައޫދީ އަށް ދެމުން ގެންދާ ޙަމަލާތަކާއި ގުޅިގެން އެކަންކަމަށް އަވަސް ހައްލެއް ހޯދުމުގެ މަގްސަދުގައެވެ. ޚާއްޞަކޮށް ޙޫޘީން ދެމުންދާ ޙަމަލާތަކާއި ގުޅިގެންނެވެ.
ސަލާމަތީ މަޖިލީހުގެ ރިޔާސަތުން ބުނި ގޮތުގައި، މިރޭގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ކުޑަކޮށް، މަސްރަހު ފިނިކުރެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ.
މި ކުއްލި ބައްދަލުވުން ބޭއްވުމަށް އެދިފައިވަނީ ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކުގެ ތެރެއިން މުހިންމު ގައުމުތަކަކުންނެވެ. މިރޭ ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބާއްވާ މި ބައްދަލުވުމުގައި، ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް ގައުމާއި ދާއިމީ ނޫން މެންބަރު ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ދުނިޔޭގެ ސަލާމަތަށް ނުރައްކާވެފައިވާ ކަންކަމާ ގުޅޭގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލްވެސް މި ބައްދަލުވުމުގައި މެންބަރުންނަށް ބްރީފިންއެއް އަރުވާނެ ކަމަށް ބެލެވެއެވެ.
މިރޭގެ ބައްދަލުވުމުން ޙޫޘީންނާއި ދެކޮޅަށް ވަކި ހާއްސަ ގަރާރެއް ފާސްކުރެވޭނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.



