ތަޢިއްޒުގެ "ޖަބަލް ހާން" ފަރުބަދަމަތީގައި މަރައިލި ޙޫޘީންގެ އިސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙްމާން މުޙައްމަދު ސުފްޔާން (އަބޫ އަލް-ކައްރާރް) ގެ ހަށިގަނޑު ޔަމނު ސަރުކާރު ސިފައިން ހޯދާފައިފިއެވެ. އައްކަރިއްޔ އިން ބުނީ އޭނާގެ ހަށިގަނޑު ފެނުނީ ހަނގުރާމައިގެ ކުރީސަފުގައި ހުރި އިމާރާތެއްގެ ކޮޓަރިއެއްގެ ތެރެއިންނެދވެ. އޭނާ މަރުވެފައިވަނީ ސަރުކާރު ސިފައިން ދިން އާޓިލަރީ ހަމަލާއެއް އެ އިމާރާތަށް އެރުމުގެ ސަބަބުންނެވެ.
އަބޫ އަލް-ކައްރާރް އަކީ ޙޫޘީންގެ ބާރުގެ ދަށުގައިވާ އިއްބު ޕްރޮވިންސުގެ ޛީ އަސްސުފާލް ސަރަހައްދުގެ ސެކިއުރިޓީ ޑިރެކްޓަރުގެ ޒިންމާވެސް އުފުލަމުންދިޔަ، ހަނގުރާމައިގެ އުކުޅުތަކަށް ކާމިޔާބު ކޮމާންޑަރެކެވެ. ސަރުކާރު ސިފައިން ބުނާ ގޮތުގައި، ޙޫޘީންގެ ބޭނުމަކީ ތަޢިއްޒު ސިޓީއަށް ވަދެވޭ މައި ހައިވޭއަށް ނަޒަރު ހިންގޭ ގޮތަށް އޮންނަ ޖަބަލް ހާން ފަރުބަދައިގެ ކޮންޓްރޯލް ހޯދައި، މުޅި ސިޓީގެ ކޮންޓްރޯލް ނަގާށެވެ. ނަމަވެސް ސަރުކާރު ސިފައިން ބަޑިއާއި ބަރު ހަތިޔާރު ބޭނުންކޮށްގެން ދިން މި ރައްދު ހަމަލާގައި ޙޫޘީންގެ އިސް ޖެނެރަލްގެ އިތުރުން އެމީހުންގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވަނީ މަރުވެފައެވެ.
މި ހާދިސާއަކީ ފާއިތުވި ދުވަސްތަކުގައި ތަޢިއްޒުގެ ހުޅަނގު ފްރަންޓުން ޙޫޘީންނަށް ކުރިމަތިވި އަސްކަރީ އެންމެ ބޮޑު ނާކާމިޔާބީ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޖެނެރަލް އަބޫ އަލް-ކައްރާރް މަރުވުމާ ގުޅިގެން އެ ސަރަހައްދުގައި ތިބި ޙޫޘީ ހަނގުރާމަވެރިންގެ ރޫޙަށް ބޮޑު އަސަރެއް ކޮށްފައިވާ ދަނޑިވަޅެއްގައި، ސައުދީ ކޯލިޝަނުގެ ވައިގެ ބާރުތަކުން ދަނީ އެ ސަރަހައްދުގައިވާ ޙޫޘީންގެ ބޭސްތަކަށް މެދުކެނޑުމެއްނެތް ގޮތުގައި ބޮންއަޅަމުންނެވެ.


