މިދިޔަ އޮގަސްޓް މަހުން ފެށިގެން ޔަމަނުގެ އެކި ސަރަހައްދުތަކުގައި އަލުން ހޫނުވެފައިވާ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން، 360,000 އަށްވުރެ ގިނަ އާންމު ރައްޔިތުން އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކޮށްފައިވާ ކަމަށް އދ. އިން މިއަދު ހާމަކޮށްފިއެވެ. އަދި މި މުއްދަތުގެ ތެރޭގައި ދެވުނު އެކި ހަމަލާތަކުގައި އާންމުންގެ 323 މީހުންނަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށްވެސް އދ. ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުން ނެރުނު ތަފާސްހިސާބުތަކުން ދައްކައެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ގެދޮރު ގެއްލިގެން ހިޖުރަކުރި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހިމާޔަތް ހޯދާފައިވަނީ ތަޢިއްޒު ސަރަހައްދުގައެވެ. އެގޮތުން ތަޢިއްޒުގައި އެކަނިވެސް ގާތްގަނޑަކަށް 145,000 މީހުން ހާލުގައި ޖެހިގެން އުޅޭއިރު، އޮގަސްޓް މަހުން ފެށިގެން ހަމަލާތަކުގައި މަރުވި 76 މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ މައުސޫމް ކުޑަކުދިން ކަމަށާއި، 247 މީހުން ޒަޚަމްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އދ. ގެ އިންސާނީ އެހީއާބެހޭ އިދާރާގެ އެންމެ ފަހުގެ އަޕްޑޭޓްތަކުން ދައްކާ ގޮތުގައި، ޙޫޘީ ޖަމާއަތާއި ޔަމަނުގެ ސަރުކާރު ސިފައިންނާ ދެމެދު އަލުން ހަނގުރާމަ ފެށުމާއެކު ތަޢިއްޒު ސިޓީއަށް ވަންނަ މައިގަނޑު މަގުތައް އޮތީ ބަންދުކޮށްފައެވެ. މަގުތައް ބަންދުކޮށްފައި އޮތުމާއި، ދުވާލުގެ ވަރަށް ކުޑަ ވަގުތުކޮޅަކަށް މަގުތައް ހުޅުވާލުމުގެ ސަބަބުން ވިޔަފާރި މުދަލާއި ކާބޯތަކެތި އަދި ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.