އެމެރިކާއިން އިރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ބަންދާއި ހަރުކަށި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް އަވަށްޓެރި ގައުމުތަކާއެކު އޮންނަ އެއްގަމު ބޯޑަރުތަކުގެ ޒަރީއާއިން ކާމިޔާބުކަމާއެކު ރައްދުދެވޭ ކަމަށް އިރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު ޢައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ. އިރާނުގެ ޕްރޮވިންސްތަކުގެ ޚާރިޖީ އޮފީސްތަކުގެ ވެރިންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމަކަށްފަހު ވާހަކަދައްކަވަމުން ޢަރާޤްޗީ ވިދާޅުވީ، އިރާނުގެ ބިމުގެ ބޮޑުމިނާއި ޖިއޮގްރަފީ އޮތް ގޮތުން އެ ގައުމު އެއްގަމު މަގުން ބަންދުކުރުމަކީ މުސްތަހީލު ކަމެއް ކަމަށެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިރާނުގެ ބޯޑަރު ސަރަހައްދުތަކުގެ ރައްޔިތުންނާއި އަވަށްޓެރި ގައުމުތަކުގެ ރައްޔިތުންނާ ދެމެދު އޮންނަ ތާރީޚީ، ސަގާފީ އަދި އިގްތިސާދީ ބަދަހި ގުޅުންތަކުގެ ސަބަބުން، ދުޝްމަނުން ބަންދުކުރަން މަސައްކަތް ކުރާ ހުރިހާ ދޮރުތަކެއް އިރާނަށް ހުޅުވާލެވޭނެއެވެ. އަދި ބޯޑަރު ޕްރޮވިންސްތަކުގައި ހުރި ގާބިލިއްޔަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ކުޑަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ޢަރާޤްޗީ ވިދާޅުވިއެވެ.
ޢަރާޤްޗީ ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ ގައުމުތަކަށް އެއީ ނާކާމިޔާބު ސިޔާސަތެއްކަން ވިސްނައިދިނުމަކީ އެންމެ މުހިންމު ކަންތައް ކަމަށް ވިދާޅުވެފައެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްޓަކައި ޑިޕްލޮމެޓިކް މަޝްވަރާތަކަށް ދޮރު ހުޅުވާލުމަކީ ޚާރިޖީ ވުޒާރާގެ މައިގަނޑު ޒިންމާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްވަރާތައް އަލުން ފެށުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލް ޘާނީ ވަނީ، ޖަރުމަނުވިލާތުގައި އިރާނުގެ އޮފިޝަލުންނާއެކު ދެ ގަޑިއިރުގެ ބައްދަލުވުމެއް ބޭއްވުމަށްފަހު، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއާ ބައްދަލުކުރެއްވުމަށް މިހާރު ވޮޝިންޓަނަށް ވަޑައިގެންފައެވެ. ނަމަވެސް އެމެރިކާއިން ބުނަމުންދަނީ ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ބަދަލުގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އިރާނުން ހުށަހަޅާފައިވާ ޝަރުތުތަކަކީ ގަބޫލުކުރެވޭނެ ޝަރުތުތަކެއް ނޫން ކަމަށެވެ.



