އެމެރިކާއާއި އިސްރާއީލުގެ އަސްކަރިއްޔާއިން އިރާނުގެ ކެމިކަލް ފެސިލިޓީތަކަށާއި ސިނާއީ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހަނގުރާމައިގެ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށް އިރާނުގެ ވަޒީރަކު ވިދާޅުވެއްޖެއެވެ. މިފަދަ ނުރައްކާތެރި ތަންތަނަށް ދޭ ހަމަލާތަކުގެ ސަބަބުން ތިމާވެށްޓަށާއި، ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ސިއްހަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އިރާނު ސަރުކާރުން ބުނެއެވެ.
ބައިނަލްއަގްވާމީ ޖެނީވާ ކޮންވެންޝަންގެ ދަށުން، ހަނގުރާމައިގެ ހާލަތުގައިވެސް ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަނަށާއި، ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ އިންފްރާސްޓްރަކްޗަރތަކަށް ހަމަލާދިނުމަކީ މަނާކަމެކެވެ. ނަމަވެސް އެމެރިކާއާއި އިސްރާއީލުން ގަސްތުގައި އިރާނުގެ އިގްތިސާދީ އަދި ސިނާއީ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށް އިރާނުން ތުހުމަތު ކުރެއެވެ.
މި ހަމަލާތަކާ ގުޅިގެން އދ. އާއި ބައިނަލްއަގްވާމީ ތިމާވެށްޓާބެހޭ ޖަމާއަތްތަކުން ހިމޭނުން ނުތިބެ، އިސްރާއީލާއި އެމެރިކާގެ މި އަމަލުތައް ކުށްވެރިކޮށް އެ ދެ ގައުމު ޖަވާބުދާރީ ކުރުވުމަށް އިރާނުން ވަނީ ގޮވާލާފައެވެ. އެހެންނޫންނަމަ، މި ހަމަލާތަކުގެ ސަބަބުން އުފެދޭ ވިހަ ގޭސްތަކާއި ކެމިކަލްތަކުގެ އަސަރު މުޅި މެދުއިރުމަތީގެ ތިމާވެށްޓަށާއި ކަނޑުގެ ދިރުންތަކަށް ކޮށް، ސަރަހައްދީ ބޮޑު ކާރިސާއަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު އިރާނުގެ އޮފިޝަލުން ވަނީ ދީފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އިރާނަށް ދޭންފެށި ވަރުގަދަ ވައިގެ ހަމަލާތަކުގައި އިރާނުގެ ގިނަ އަދަދެއްގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށާއި އަސްކަރީ އަދި ސިނާއީ މަރުކަޒުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް ކެމިކަލް ފެސިލިޓީތަކަށް ހަމަލާދިން ކަމަށް އިރާނުން ކުރާ ތުހުމަތުތަކާ ގުޅިގެން އެމެރިކާގެ ޕެންޓަގަނުން ނުވަތަ އިސްރާއީލުގެ އަސްކަރިއްޔާއިން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.



