ފެޑެރަލް އިސްތިއުނާފު ކޯޓަކުން އެކަން ހުއްޓުވުމަށް އަމުރު ނެރެފައި ވަނިކޮށް، އެމެރިކާގެ އަޔޯވާ ސްޓޭޓްގެ އަސްކަރީ މަރުކަޒެއްގައި ރައްކާކޮށްފައި ހުރި 4 ޓަނަށްވުރެ ގިނަ "ލެޑް އަޒައިޑް" ގޮއްވާލަން އެމެރިކާގެ އަސްކަރިއްޔާއިން ނިންމައިފިއެވެ. އަޔޯވާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސްއިން ހާމަކޮށްފައިވާ ގޮތުގައި، މިޑްލްޓައުން ކައިރީގައި ހުންނަ އަސްކަރީ ކާރުޚާނާގައި މިއަދު ދެ ގޮއްވާލުމެއް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.
މި މައްސަލަ ހޫނުވެފައި ވަނީ ވޭތުވެދިޔަ 20 އަހަރު ދުވަހު 68 ފީފާގައި ރައްކާކޮށްފައި ހުރި މި ނުރައްކާތެރި ކެމިކަލްތައް ހަލާކުވެ، އޭގައި ހުރި ދިޔާތަކެތި އާތްވަށްވެގެން ގޮސް، ކުދި ކްރިސްޓަލްތަކެއް އުފެދިފައިވާކަން މާހިރުންނަށް ފާހަގަކުރެވުމާ ގުޅިގެންނެވެ. އަސްކަރިއްޔާގެ މާހިރުން ބުނާ ގޮތުގައި މި ފީފާތައް ހުޅުވުމަކީ ނުވަތަ އެހެން ތަނަކަށް އުފުލުމަކީ ކުޑަ ލޮޅުމަކުންވެސް އަމިއްލައަށް ގޮވުމުގެ ބިރު އޮތް، އިންތިހާއަށް ނުރައްކާތެރި ކަމެކެވެ.
ތިމާވެށި ހިމާޔަތްކުރާ ޖަމާޢަތްތަކުން ކޯޓަށް މައްސަލަ ހުށަހަޅައިގެން މި ގޮއްވާލުން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، އަސްކަރިއްޔާއިން ބުނަނީ ކުރިއަށް އޮތް ދުވަސްތަކުގައި ފިނިހޫނުމިން ދަށްވުމުގެ ކުރިން ކުއްލި ހާލަތުގެ ބާރުގެ ދަށުން މިކަން ނުކޮށްފިނަމަ ބޮޑު ކާރިސާއެއް ހިނގާފާނެ ކަމަށެވެ.
މި ގޮއްވާލުމުގެ ސަބަބުން ވިހަ "ލެޑް" އެކުލެވޭ ހިރަފުސްގަނޑެއް އުފެދި، ވައިގެ މަގުން 100 މޭލު ދުރަށް ފެތުރި، ބިމަށާއި ގަސްގަހާގެއްސަށް އަދި އާންމުންގެ ގެދޮރަށް ލެޑްގެ އަސަރު ކުރާނެ ކަމަށް އަސްކަރިއްޔާއިން ނެރުނު ޗާޓުތަކުން ދައްކައެވެ. އެހެންކަމުން، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ގޭތެރޭގައި ތިބުމަށާއި، ކުޑަދޮރުތައް ބަންދުކޮށްގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.




