އިރާގުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބަސްރާގެ ހާރްތާ ތާމަލް ޕަވަރ ސްޓޭޝަންގައި މިއަދު ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން ހަތަރު މީހުން މަރުވެ، 35 މީހުން ޒަހަމްވެއްޖެއެވެ. އިރާގުގެ ސަލާމަތީ އިދާރާތަކުން ބުނި ގޮތުގައި، އިންޖީނުގެއިން ފެށުނު އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، އެ ސަރަހައްދުގެ ކައިރީގައި ހުރި އާންމުންގެ ގެތަކަށްވެސް ވަނީ އަލިފާން ރޯވެފައެވެ.
އިންޖީނުގެއިން ކަޅު ދުންގަނޑު ވަރަށް ބޮޑަށް އަރަމުންދިޔައިރު، ކައިރީގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ކާރުތަކެއްވެސް ވަނީ އަނދައި އަޅިއަށް ވެފައެވެ.
މި އަލިފާނުގެ ހާދިސާއާ ގުޅިގެން 800 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ހުރި އެ އިންޖީނުގޭގެ މަސައްކަތްތައް ވަނީ އެއްކޮށް ހުއްޓާލަން ޖެހިފައެވެ.
މި އަލިފާން ރޯވާން މެދުވެރިވި ސަބަބާއި ލިބުނު މާއްދީ ގެއްލުންތަކުގެ ތަފްސީލު ހޯދުމަށް އިރާގުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ. އިރާގުގެ ކަރަންޓު ވިއުގައަކީ އެކަށީގެންވާ މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން މިފަދަ ޓެކްނިކަލް މައްސަލަތަކާއި އަލިފާނުގެ ހާދިސާތައް އާންމުކޮށް ކުރިމަތިވާ ތަނެކެވެ.



