ހުރްމުޒް ކަނޑުއޮޅިން ނުކުމެގެން ދަތުރުކުރަމުންދިޔަ ތެޔޮ އުފުލާ ބޯޓަކަށް، އޮމާންގެ އުތުރުގެ އައްސޭރިފަށާ ކައިރިން ގޮތްނޭނގޭ އެއްޗަކުން ހަމަލާދީފިއެވެ. އިނގިރޭސިވިލާތުގެ ކަނޑުމަތީގެ ވިޔަފާރި ދަތުރުތައް ބަލަހައްޓާ އިދާރާ (ޔޫ.ކޭ.އެމް.ޓީ.އޯ) އިން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އޮމާންގެ ޚަސަބް ބަނދަރުގެ އުތުރުން 11 ނޯޓިކަލް މޭލު (ގާތްގަނޑަކަށް 20 ކިލޯމީޓަރު) ބޭރުންނެވެ.
މި ހަމަލާ އަމާޒުވެފައިވަނީ އެ ތެޔޮ ބޯޓުގެ ފަހަތު ކޮޅަށް ކަމަށް ޔޫ.ކޭ.އެމް.ޓީ.އޯ އިން ނެރުނު ކުއްލި އިންޒާރުގައި ބުނެފައިވެއެވެ. މި ހާދިސާގައި ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް އަނިޔާވެފައި ނުވާ ކަމަށް ރިޕޯޓުކޮށްފައިވީ ނަމަވެސް، ބޯޓަށް ލިބުނު ގެއްލުމުގެ ތަފްސީލާއި، ކަނޑަށް ތެޔޮ ލީކުވެ ތިމާވެށްޓަށް ގެއްލުމެއް ލިބިފައިވޭތޯ އަދި ކަށަވަރުވެފައި ނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ހަމަލާ ދިނީ ކޮން ބައެއްކަން އަދި އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައި ނުވާއިރު، މި ހާދިސާ ހިނގާފައި މިވަނީ އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ހޮރުމޫޒް ކަނޑުއޮޅީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން އީރާނުގެ ތެޔޮ ބޭރުކުރުން ހުއްޓުވުމަށް ކަނޑުގެ ހިސާރު ވަރުގަދަކޮށްފައިވާއިރު، ހުކުރު ދުވަހު ޔޫ.ކޭ.އެމް.ޓީ.އޯ އިން ވަނީ އެ ސަރަހައްދުގައި އޮތް ނުރައްކަލުގެ މިންވަރު އެންމެ މަތީ ދަރަޖައަށް (ސިވިއާ) މައްޗަށް ޖައްސާފައެވެ.
ހުރްމުޒް ކަނޑުއޮޅި އަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގަށް ވާއިރު، ފާއިތުވި ހަފްތާތަކުގައި އެ ސަރަހައްދުން ދަތުރުކުރާ ވިޔަފާރި ބޯޓުތަކަށް އަމާޒުވާ ހަމަލާތައް ވަނީ އިތުރުވެފައެވެ.



