މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ބާޒާރަށް ކައްކާގޭސް (އެލް.ޕީ.ޖީ) ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެއެވެ. ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރަށް ދިމާވި ހުރަސްތަކާއެކު، ދުނިޔޭގެ އެންމެ މުހިންމު އެއް ހަކަތައިގެ މަސްދަރަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ.
ހަކަތައިގެ އަގުތައް ދިރާސާކުރާ އެޖެންސީއެއް ކަމަށްވާ "އާގަސް" އިން ހާމަކުރާ ގޮތުގައި، ކަނޑުމަގުން ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓްކުރާ އެލް.ޕީ.ޖީގެ ގާތްގަނޑަކަށް %30 ފޯރުކޮށްދެނީ ގަލްފް ސަރަހައްދުގެ ގައުމުތަކުންނެވެ. މި ސަރަހައްދުގެ އެކްސްޕޯޓަށް ބުރޫ އެރުމާއެކު، ދުނިޔޭގެ ބާޒާރުގައި ކައްކާގޭހުގެ ބާޒާރަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
"އޯ.ޕީ.އައި.އެސް" އިން ހިއްސާކޮށްފައިވާ ބާޒާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މައްސަލަތައް ދިމާވުމުގެ ކުރިން މެދުއިރުމަތިން އޭޝިއާ ސަރަހައްދަށް މަހަކު އެވްރެޖްކޮށް 4 މިލިއަން ޓަނުގެ އެލް.ޕީ.ޖީ އެކްސްޕޯޓް ކުރެއެވެ. ނަމަވެސް، އޭގެ ފަހުން މަސްދުވަހުގެ ނިސްބަތުން ބަލާއިރު އެއްވެސް މަހެއްގައި އެކްސްޕޯޓް ކުރެވުނު މިންވަރު 1.5 މިލިއަން ޓަނަށްވުރެ މައްޗަށް ގޮސްފައެއް ނުވެއެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ރަތްކަނޑުގެ ބަނދަރެއްކަމަށްވާ ޔަންބޫ މެދުވެރިކޮށް ކުރިއަށްގެންދާ ބަދަލުމަގުގެ އެކްސްޕޯޓް ވޮލިއުމްވެސްވަނީ ދަށަށް ގޮސްފައެވެ.
2026 ވަނަ އަހަރުގެ ފެބުރުއަރީ މަހު ސައުދީ އަރަމްކޯގެ އެންމެ މުހިންމު އެލް.ޕީ.ޖީ އެކްސްޕޯޓް ފެސިލިޓީ ކަމަށްވާ "ޖުއައިމާ" އަށް ލިބުނު ގެއްލުންތަކާ ގުޅިގެން، މެއިމަހުގެ ނިޔަލަށް އެތަނުން މުދާފޮނުވުން އޮތީ މެދުކަނޑާލާފައެވެ. މިއީ ދުނިޔޭގެ ބާޒާރަށް އެލް.ޕީ.ޖީ ލިބުން ދަތިވުމުގެ އެންމެ ބޮޑު އެއް ސަބަބުކަމަށް ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.
މީގެއިތުރުން، ދުނިޔޭގެ ބާޒާރުގައި އެލް.ޕީ.ޖީ ސްޕްލައިކޮށްދޭ މައި ކުންފުނިތަކުން މިހާރުދަނީ ކަނޑައެޅިފައިވާ ބެންޗްމާކް އަގަށްވުރެ ބޮޑު އަގުތަކެއް ކަނޑައަޅަމުންނެވެ. ޕާކިސްތާނުގެ ޕެޓްރޯލިއަމް މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު އެލް.ޕީ.ޖީ ވިއްކަމުންދަނީ ސައުދީ އަރަމްކޯގެ ކޮންޓްރެކްޓް އަގަށްވުރެ ޓަނަކަށް 300 އާއި 400 އެމެރިކާ ޑޮލަރާ ދެމެދުގެ އިތުރު އަގަކާއެކުގައެވެ. މިއީ އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކާ އަޅާބަލާއިރު ވަރަށް ބޮޑު އުފުލުމެކެވެ.
މި މައްސަލަތަކާ ގުޅިގެން ކޮންމެ މަހަކު ކައްކާގޭހުގެ އަގު އުފުލެމުންދާތީ، ދެކުނު އޭޝިޔާގެ ގައުމުތަކުގައި ކައްކާގޭހުގެ އަގުތައް މިހާރު ވަނީ އިންތިހާއަށް އުފުލިފައެވެ. އަދި އަގު ބޮޑުވުމުގެ އިތުރުން، މި ސަރަހައްދުގެ ބައެއް ގައުމުތަކުން ކައްކާގޭސް އެއްކޮށް ހުސްވެ، ގޭސް ނުލިބި ހަފްތާއަކަށް ދެމިގެންދާ ހާލަތްތައްވެސް ވަނީ ފާހަގަކުރެވިފައެވެ.
މި ހާލަތުގެ ސަބަބުން، ދެކުނު އޭޝިއާ ސަރަހައްދުގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އިތުރުވެ، އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.



