އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއަށް އެއްބާރުލުން ދިނުމަށް މެދުއިރުމަތީގައި ތިބި އެމެރިކާގެ ބައިވެރި ޤައުމުތަކަށް އދ. އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ނިކީ ހޭލީ، ގޮވާލައްވައިފިއެވެ. ބްލޫމްބާގް އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ، މި ހަނގުރާމައިގައި އެމެރިކާއިން އަދާކުރަމުންދާ ދައުރުގެ ސަބަބުން ސަރަހައްދީ ޤައުމުތަކަށް ބޮޑު ރައްކާތެރިކަމެއް ލިބެމުންދާ ކަމަށެވެ. އޭނާ މިހެން ވިދާޅުވިއިރު ހަގީގަތަކީ މި ހަނގުރާމަ ފެށީ އެމެރިކާއިންނެވެ. އަދި މެދުއިރުމަތީގެ ގައުމުތަކަށް ގެއްލުންވަނީ ވެސް އެމެރިކާގެ ސަބަބުންނެވެ.

މިނާބް ސްކޫލަށް އެމެރިކާއިން ބޮން އަޅައި 155 މީހުން މަރައިލި. ގިނައީ ކުޑަކުދިން.
ނިކީ ހޭލީ ފާހަގަކުރެއްވި ގޮތުގައި، އެމެރިކާއިން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމާއި އީރާނުގެ ހަމަލާތައް ހުއްޓުވުމުގެ ސަބަބުން މެދުއިރުމަތީގެ ކޮންމެ ޤައުމަކަށްވެސް އިޤްތިޞާދީ ގޮތުންނާއި ސަލާމަތީ ގޮތުން ބޮޑު ފައިދާއެއް ލިބެމުންދެއެވެ. އެހެންކަމުން، މި ހަނގުރާމަ ކާމިޔާބުކަމާއެކު ނިންމާލުމަށްޓަކައި އަރަބި ޤައުމުތަކުން އެމެރިކާގެ ފަހަތުގައި ސާބިތުވެ ތިބުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ގަލްފުގެ ބައިވެރި ޤައުމުތަކުގެ ވެރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވައި، އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ފިޔަވަޅު ނޭޅުމަށް އެދެމުންދާތީ އޭނާ ވަނީ އެކަމާ ހިތާމަފާޅުކުރައްވާފައެވެ. އެމެރިކާގެ ބައިވެރިންގެ ފަރާތުން ފެންނަމުންދާ މިފަދަ ޖެހިލުންވުންތަކަކީ ހަނގުރާމަ ދިގުލައިގެން ދިއުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވިދާޅުވެ އޭނާ ވަނީ އެ ޤައުމުތަކަށް ފާޑުވިދާޅުވެފައެވެ.



