އިސްރާއީލުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން މަސައްކަތްކުރި ކަމަށް ބުނާ ރިޕޯޓުތަކަކާ ގުޅިގެން، ނަތަންޔާހޫއަށް އެންމެ މިނެޓަކުވެސް ވެރިކަމުގައި ނުހުރެވޭނެ ކަމަށް އިދިކޮޅު ލީޑަރު ގާޑީ އައިސެންކޮޓް ބުނެފިއެވެ. އޭނާ ބުނި ގޮތުގައި ނަތަންޔާހޫގެ މި އަމަލުތަކަކީ އިސްރާއީލުގެ ޑިމޮކްރަސީއަށް އޮތް ސީދާ ނުރައްކަލެކެވެ.

އިސްރާއީލުގެ ޗެނަލް 12 އިން އާންމުކުރި ތަޙުޤީޤީ ރިޕޯޓެއްގައިވާ ގޮތުން، އިންތިޚާބުގެ ކުރީ ރޭ ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް ވަނީ ފުލުހުންނަށް ދޮގު މަޢުލޫމާތު ދީގެން އަރަބި ޕާޓީއެއްގެ ތިން އެކްޓިވިސްޓުން ހައްޔަރުކުރުވާފައެވެ. މީގެ ބޭނުމަކީ އަރަބި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުކުރުން ކަމަށް ރިޕޯޓުގައިވެއެވެ. އަދި ޝިން ބެޓްގެ ވެރިޔާ ވަނީ އަރަބި ޕާޓީތަކުގެ މެންބަރުންގެ ފޯނު ކޯލްތައް އަޑުއެހުމަށްވެސް އެދިފައެވެ.

މިކަމާ ގުޅިގެން އައިސެންކޮޓް ވަނީ މި މައްސަލައިގެ މިނިވަން ޖިނާއީ ތަޙުޤީޤެއް ވަގުތުން ފެށުމަށް ބަންޑާރަ ނައިބަށް ގޮވާލައްވާފައެވެ. ނަމަވެސް ނަތަންޔާހޫގެ ލިކުޑް ޕާޓީން ވަނީ މި ތުހުމަތުތައް ދޮގުކޮށް، މިއީ ސިޔާސީ މަޤްޞަދެއްގައި މީޑިއާއިން ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ބުނެފައެވެ.