ޣައްޒާގެ މެދުތެރޭގައި އޮންނަ ދައިރުލް ބަލަޙްގެ އިރުމަތީ ސަރަޙައްދުގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ދިން ބޮމުގެ ހަމަލާއެއްގައި ފަލަސްތީނުގެ ބަފައަކާއި އޭނާގެ 11 އަހަރުގެ ފިރިހެން ދަރިފުޅު ހިމެނޭހެން ތިން މީހުން ޝަހީދުވެއްޖެއެވެ.
ހުކުރު ދުވަހު އިސްރާއީލުން އަމާޒުކުރި މި ހަމަލާ އަރާފައިވަނީ އަލް-ގަސްތަލް ޓަވަރުގައި ހުރި އެޕާޓްމަންޓަކަށެވެ. މި ހަމަލާ ދިން ވަގުތަކީ ތައުޒިޔާ ކިޔުމަށްޓަކައި ގިނަ އަދަދެއްގެ އާންމުން އެ އެޕާޓްމަންޓަށް ޖަމާވެފައި ތިބި ވަގުތެކެވެ.
މި ހަމަލާގައި ޝަހީދުވެފައިވަނީ އަލާއު އަބޫ ދާހިރާއި، އޭނާގެ 11 އަހަރުގެ ދަރިފުޅު އަހްމަދު އަބޫ ދާހިރެވެ. އަހްމަދަކީ ގްރޭޑް 6 ގައި ތައުލީމު ހާސިލުކުރަމުން ދިޔަ ދަރިވަރެކެވެ.
ފަލަސްތީނުގެ ރަސްމީ އިދާރާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި މަދުވެގެން 20 މީހުން ޒަހަމްވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި އެއްވުމަކީ އާއިލާއެއްގެ ހިތާމައިގައި ބައިވެރިވުމަށް ބޭއްވި އެއްވުމަކަށް ވީނަމަވެސް، އިސްރާއީލުގެ ރަހުމެއްނެތް ހަމަލާތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ޣައްޒާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ނޮވެމްބަރު މަސް ފެށުނު ފަހުން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ދަރިވަރުންގެ އަދަދު މިހާރު ވަނީ ނުވައަކަށް އަރާފައެވެ. އޭގެ ތެރޭގައި މި ހަމަލާގައި ވަކިވެދިޔަ ކުޑަކުއްޖާ އަހަމަދު ވެސް ހިމެނެއެވެ.
އާންމުން ދިރިއުޅޭ މިފަދަ ތަންތަނަށް އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުންގެންދާ މި ނުރައްކާތެރި ހަމަލާތަކާ ގުޅިގެން، ޣައްޒާގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަމާމެދު ދަނީ އިތުރަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.



