ޣައްޒާގެ ދެކުނުގައި ހުންނަ ނާޞިރު މެޑިކަލް ކޮމްޕްލެކްސްގެ މައި ޢިމާރާތަށް ޔަހޫދީ އިސްރާއީލުން ދިން ނުރައްކާތެރި ވައިގެ ހަމަލާއެއްގައި ހަ މީހުން ޝަހީދުވެ، އެ ހޮސްޕިޓަލުގެ މުހިންމު ޚިދުމަތްތައް އެއްކޮށް ހުއްޓުމަކަށް އަތުވެއްޖެ ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވެއްޖެއެވެ.
ޚާން ޔޫނިސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. އަޙްމަދު އަލްފައްރާ ވިދާޅުވީ، ރޭގެ ވަގުތެއްގައި ނާޞިރު ހޮސްޕިޓަލަށް ދިން މި ހަމަލާއަކީ ފުރިހަމަ ޖަރީމާއެއް ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުގެ އަލްޔާސީން ޢިމާރާތަށް ދެ މިސައިލް އަމާޒުވި ކަމަށާއި، މި ހަމަލާ ދީފައިވަނީ އެއްވެސް އިންޒާރަކާ ނުލައި ކުއްލިއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަމަލާގެ ސަބަބުން ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުތަކާއި، އެކްސްރޭ އަދި ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއި، ލެބޯޓްރީގެ އިތުރުން އޮޕަރޭޝަނަށްފަހު ބާއްވާ ވޯޑުތަކުގެ ޚިދުމަތް އެއްކޮށް ވަނީ ހުއްޓިފައެވެ. ޑރ. އަލްފައްރާ ފާހަގަކުރެއްވި ގޮތުގައި، ހަލާކުވެގެން ދިޔަ ޢިމާރާތަކީ ގާތްގަނޑަކަށް އެއް މިލިއަން މީހުންގެ އާބާދީއަކަށް ޚިދުމަތްދޭ މުޅި ހޮސްޕިޓަލުގެ މައިބަދައެވެ. އަދި މިއީ ޚާއްޞަ ބޮޑެތި އޮޕަރޭޝަންތައް ކުރެވެން ހުރި ޣައްޒާގެ ހަމައެކަނި މަރުކަޒެވެ.
މި ޚިދުމަތްތައް މެދުކެނޑުމާ ގުޅިގެން، ޚާއްޞަ އޮޕަރޭޝަންތައް ބޭނުންވާ އެތައް ބަލިމީހުންނެއްގެ ފުރާނަ މިހާރު ވަނީ ނޭނގުމެއްގެ ތެރޭގައެވެ. އަދި ވަގުތީ ފީލްޑް ހޮސްޕިޓަލުތަކުން މިފަދަ ފަރުވާތައް ފޯރުކޮށްނުދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހަމަލާގައި ޝަހީދުވި ހަ މީހުންގެ ތެރޭގައި އެވަގުތު ޚިދުމަތުގައި ހުންނެވި އުމުރުން 52 އަހަރުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ރިޒްޤު އަބޫ ޝުޢައިރާ ހިމެނެއެވެ. އޭނާ ޝަހީދުވީ އޮޕަރޭޝަން ކުރަމުންދިޔަ ބަލިމީހާއާއެކު އެއްވަގުތެއްގައެވެ.
މީގެ އިތުރުން ޑިރެކްޓަރު ހާމަކުރެއްވި ގޮތުގައި، މި ހަމަލާ ދިނުމުގެ ކުރިންވެސް ހޮސްޕިޓަލަށް ބޭނުންވާ އަސާސީ ބޭހާއި މެޑިކަލް ސާމާނުގެ 70 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ މިންވަރެއް ވަނީ ހުސްވެފައެވެ. އަދި އިސްރާއީލުގެ މި އަނިޔާވެރި ހަމަލާއާ ގުޅިގެން ބަލިމީހުންނާއި ސިއްޙީ ޚިދުމަތްތެރިން މިހާރު ހޮސްޕިޓަލަށް އައުމަށް ބިރުގަންނަ ހާލަތަކަށް ކަންކަން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.



