އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖެއަށް އެތެރެނުވެވޭނެ ކަމަށް ކަނޑައަޅައި، އެކަން ސަރުކާރުން މަޖިލީހަށް ހުށަހަޅާ އާ އިމިގްރޭޝަން ބިލުގައި ވަރަށް ސާފުކޮށް ބަޔާންކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަތަރު ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ބިލަކީ އިމިގްރޭޝަނާ ބެހޭ އާ ޤާނޫނުގެ ބިލުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެކުލަވައިލާ އާ ބިލުގައި ރާއްޖެ އެތެރެވުން މަނާ ފަރާތްތައް ވަރަށް ސާފުކޮށް ކަނޑައެޅިގެން ބަޔާންކުރެވިފައި އޮންނާނެ ކަމަށެވެ. ވަކިން ޚާއްޞަކޮށް، އަނިޔާވެރި އިސްރާއީލުން ފަލަސްޠީނުގެ ކުށެއްނެތް އަޚުންނާއި އުޚުތުންނަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކާއި އަނިޔާތަކާ ގުޅިގެން، އިސްރާއީލުގެ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ނޯންނާނެކަން އެ ޤާނޫނުގައި ސަރީޙަކޮށް ބަޔާންކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އިސްރާއީލުގެ އެއްވެސް ފަރާތަކަށް ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ސަރަޙައްދުން އެއްވެސް ޕްރޮޕަޓީއެއް ނުވަތަ ބިމެއް ނުގަނެވޭނެކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. މި އުޞޫލުތައް ވެސް އިމިގްރޭޝަނާ ބެހޭ އާ ބިލުގެ ދަށުން ސާފުކޮށް ކަނޑައެޅިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އާ އިމިގްރޭޝަން ބިލާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ބިލުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓަރ ވިސާ ދޫކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. ނަމަވެސް، އެ ވިސާ ކޮންމެ ފަސް އަހަރަކުން އެއްފަހަރު އައުކުރަން ޖެހޭނެ ކަމަށާއި، ވިސާ އައުކޮށްދޭނީ އެ ފަރާތްތަކުން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި ޢަމަލުކޮށްފައިވޭތޯ ބެލުމަށްފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، އަލަށް އެކުލަވައިލާ އިމިގްރޭޝަން ބިލަކީ ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކުރެވި، ރާއްޖޭގެ ޤައުމީ ސަލާމަތާއި ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި ވަރަށް ގިނަ މުހިންމު ކަންކަމަށް ރިޢާޔަތްކޮށްގެން އެކުލަވައިލެވޭ ބިލެކެވެ.



