ތުރުކީވިލާތުގެ އަންތާލިޔާގައި ނޮވެންބަރު 10 އިން 14 އަށް ބޭއްވުމަށް ހަމަޖެހިފައިވާ، އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ބައްދަލުވުން (ކޮޕް-31) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ގައުމީ ބަޔާން އިއްވެވުމުގެ އިތުރުން، މަތީ ފަންތީގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާ އެކު ދެފަރާތުގެ ގުޅުން ބަދަހިކުރެއްވުމުގެ މަތީ ފަންތީގެ ބައްދަލުވުންތައް ވެސް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮޕް-31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި އަޅަމުންދާ ފިޔަވަޅުތައް ހަރުދަނާކޮށް، އެކަންކަން ކުރިއެރުވުމަށްޓަކައި ދުނިޔޭގެ ލީޑަރުންނާއި، އެކަމާ ގުޅޭ މަންދޫބުން އެއްތަންވާ މުހިންމު ސަމިޓެކެވެ. މީގެއިތުރުން ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންނާއި، އަދި މަދަނީ ޖަމްއިއްޔާތައް ބައިވެރިވެ، އެންމެން ގުޅިގެން ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ތަޖުރިބާއާއި މައުލޫމާތު މި ބައްދަލުވުމުގައި ހިއްސާކުރާނެއެވެ.
ކޮޕް-31 އަކީ 1992 ވަނަ އަހަރު އެކުލަވާލެވުނު ތާރީހީ މުއާހަދާ ކަމަށްވާ ޔޫ.އެން.އެފް.ސީ.ސީ.ސީ އަދި 2015 ގެ ޕެރިސް އެގްރީމެންޓުގެ ދަށުން ބާއްވާ 31 ވަނަ ބައްދަލުވުމެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



