ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ފޭރިގެންފައިވާ ބިންތަކާއި ގުޅުންހުރި ކުންފުނިތަކަކަށް، އިނގިރޭސިވިލާތުގެ ސަރުކާރުން 10.7 މިލިއަން ޕައުންޑް ނުވަތަ 14.4 މިލިއަން ޑޮލަރުގެ އާ ކޮންޓްރެކްޓުތަކެއް ހަވާލުކޮށްފިއެވެ. މި ކޮންޓްރެކްޓްތައް ދީފައިވަނީ އެފަދަ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިނގިރޭސި ސަރުކާރުން ސެޕްޓެމްބަރު މަހު އިއުލާން ކުރި ފަހުންނެވެ.
އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ ނުވަތަ އދ. އިން މަނާކޮށްފައިވާ ބޮޑެތި ހަތަރު ކުންފުންޏެއްގެ ދަށުން ހިންގާ ކުންފުނިތަކަކަށް ޖުމްލަ 18 ކޮންޓްރެކްޓް ވަނީ ދީފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަމަށްވާ 10.4 މިލިއަން ޕައުންޑުގެ 14 ކޮންޓްރެކްޓް ލިބިފައިވަނީ ޖަރުމަނުގެ ހައިޑެލްބާގް މެޓީރިއަލްސް ކުންފުންޏަށެވެ. އެ ކުންފުންޏަކީ ފަލަސްތީނުގެ ބިމުގައި ހިލަ ކޮންނަ ތަނެއް ހިންގާ ބައެއް ނަމަވެސް، އިނގިރޭސިވިލާތުގެ މަގުތައް ހެދުމުގެ މަސައްކަތް އެ މީހުންނަށް ވަނީ ދީފައެވެ.
މީގެ އިތުރުން ޔަހޫދީން ފޭރިގަނެފައިވާ ތަނެއްގައި ރީތިވާ ސާމާނު އުފައްދާ ކުންފުންޏެއް ހިންގާ ފޯސަން އިންޓަނޭޝަނަލްއަށް، އިނގިރޭސިވިލާތުގެ ހޮސްޕިޓަލްތަކަށް ހިދުމަތް ދިނުމަށް 98،000 ޕައުންޑުގެ މަސައްކަތެއް ވަނީ ދީފައެވެ. އަދި ޔަހޫދީން ފޭރިގަނެފައިވާ ތަނެއްގައި ސަލާމަތީ ކެމެރާއާއި އެހެނިހެން އާލާތްތައް ފޯރުކޮށްދޭ މޮޓޮރޯލާ ސޮލިއުޝަންސްއަށް އިނގިރޭސި ފުލުހުންގެ މުއާސަލާތީ ކަންކަމަށް 87،900 ޕައުންޑުގެ ދެ ކޮންޓްރެކްޓް ވަނީ ދީފައެވެ. ހަމައެއާއެކު ޔަހޫދީން ފޭރިގަނެފައިވާ ތަނެއްގައި ރޭލުގެ ހިދުމަތްދޭ ފަރަންސޭސިވިލާތުގެ އެޖިސް ކުންފުންޏަށް ވެސް 84،000 ޕައުންޑުގެ ކޮންޓްރެކްޓެއް ވަނީ ދީފައެވެ.
މި ކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ސިޔާސީ ބޭފުޅުންނާއި ގާނޫނީ މާހިރުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ކުރީގެ ލީޑަރު ޖެރެމީ ކޯބިން ވިދާޅުވީ މިއީ އާންމު ރައްޔިތުންނަށް ކުރެވޭ މަލާމާތެއް ކަމަށެވެ. ސެޕްޓެމްބަރު މަހު އިއުލާންކުރި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ނުވަ މަސް ދުވަސް ނަގާނެ ކަމަށް ސަރުކާރުން ބުނާއިރު، މީގެ ކުރިން އޮގަސްޓް މަހު ވެސް މިފަދަ 17 ކުންފުންޏަކަށް 2.1 ބިލިއަން ޕައުންޑުގެ މަސައްކަތް އިނގިރޭސި ސަރުކާރުން ދީފައިވާކަން ވަނީ ފަޅާއަރާފައެވެ.



