އިރުމަތީ ގުދުސްގެ ސްކޫލުތަކުގައި ކިޔަވައިދޭ ފަލަސްތީނުގެ ޓީޗަރުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އިސްރާއީލުގެ މަންހަޖު މަޖުބޫރުކުރުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.
މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހުޅަނގު އައްސޭރިން އިރުމަތީ ގުދުސްގެ ސްކޫލުތަކަށް ކިޔަވައިދޭން އަންނަ ގާތްގަނޑަކަށް 180 ޓީޗަރެއްގެ އެތެރެވުމުގެ ހުއްދަ (ޕާމިޓް)، 2026-27 ވަނަ އަހަރުގެ ދިރާސީ އަހަރު ނިމުމުން ބާތިލުކުރުމަށް ވަނީ ނިންމާފައެވެ. 2023 ވަނަ އަހަރު ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމައަށް ފަހު، މި ޓީޗަރުންގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން ހަމައެކަނި ވަކި ގަޑިތަކެއްގައި މަސައްކަތްކުރާ ތަނަށް ދިއުމުގެ ހުއްދަ ދިނުމާއި، ދަރިވަރުން ގޮވައިގެން ސްކޫލް ދަތުރުތައް ދިއުމާއި މަސްޖިދުލް އަޤްޞާއަށް ދިއުން މަނާކުރުން ހިމެނެއެވެ.
ފަލަސްތީނުގެ ސަކޫލެއް---
ފަލަސްތީނުގެ އޮފިޝަލުންނާއި ލޯކަލް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުގައި ވާގޮތުން، މިހާރު އިރުމަތީ ގުދުސްގައި ކިޔަވާ ފަލަސްތީނުގެ 45،000 އަށް ވުރެ ގިނަ ދަރިވަރުން ދަނީ އިސްރާއީލުގެ މަންހަޖަށް ކިޔަވަމުންނެވެ. މިއީ އެ ސަރަހައްދުގެ ދަރިވަރުންގެ އާބާދީގެ ގާތްގަނޑަކަށް 38 އިންސައްތައެވެ. މި އަދަދަކީ 2020 ވަނަ އަހަރު ގާތްގަނޑަކަށް 10،000 ގައި ހުރި އަދަދަކަށްވާއިރު، އަދި 2024 ވަނަ އަހަރު 20،000 ގައި ހުރި އަދަދެއް ކަމަށްވުމުން، މިއީ ވަރަށް ބޮޑު އިތުރުވުމެކެވެ.
ސްކޫލްތަކުގެ ވެރިންނާއި ބެލެނިވެރިންގެ ޖަމާއަތްތަކުން މިކަން ސިފަކުރަނީ ފަލަސްތީނުގެ ތާރީޚާއި ވަނަވަރު (އައިޑެންޓިޓީ) ފޮހެލުމަށް އިސްރާއީލުން ރާވައިގެން ހިންގާ ބޮޑު މަޝްރޫޢެއްގެ ގޮތުގައެވެ. މިކަމުގެ ތެރެއިން ފަލަސްތީނުގެ ފޮތްތައް އުނިކުރުމާއި، ކްލާސްރޫމްތައް ބަލައިފާސްކުރުމާއި، ކުދިންގެ ދަބަސްތައް ޗެކްކުރުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، އިރުމަތީ ގުދުސްގެ ސްކޫލުތަކަށް ވަސީލަތްތަކާއި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ވަނީ ކުރިމަތިވެފައެވެ. އިސްރާއީލުގެ ޖަމްއިއްޔާއެއް ކަމަށްވާ 'އިރް އާމިމް' އިން އަންދާޒާކުރާ ގޮތުގައި އެ ސަރަހައްދުގައި 2،283 ކްލާސްރޫމްގެ ދަތިކަން އެބަހުއްޓެވެ. އަދި ބައެއް ކްލާސްތަކުގައި 42 ދަރިވަރުން ތިބެންޖެހޭ ހާލަތްތައް ވެސް ވަނީ މެދުވެރިވެފައެވެ.
އިސްރާއީލުން ދައުވާކުރާ ގޮތުގައި މަންހަޖު ބަދަލުކުރުމަކީ ތައުލީމީ ފެންވަރު ރަނގަޅުކޮށް، އިޖުތިމާއީ އަދި އިގުތިސާދީ ފަރަގު ކުޑަކުރުމަށް އަޅާ ފިޔަވަޅެކެވެ. ނަމަވެސް، މި މައްސަލައިގައި އަލްޖަޒީރާއިން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުގެ ބަހެއް ހޯދުމަށް އެދުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ގަދަކަމުން ހިފާފައިވާ އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ބިމެއް ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާއިރު، އިސްރާއީލުގެ މިފަދަ ހަރުކަށި ސިޔާސަތުތަކާ ދެކޮޅަށް ފަލަސްތީނުގެ ސްކޫލުތަކުން މީގެ ކުރިންވެސް ވަނީ ސްޓްރައިކްތައް ކޮށް އަޑުއުފުލާފައެވެ.



