އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނެސް، އާ ސަރުކާރެއް އެކުލަވާލުމަށްޓަކައި އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ގަދީ އައިޒެންކޮޓަށް ތާއީދުކުރަން އިސްރާއީލުގެ އަރަބި ސިޔާސީ ޕާޓީއަކުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް (ކްނެސެޓް) ގައި ތަމްސީލުކުރާ އަރަބި މައި ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއަކުންނެވެ. މި ނިންމުމަކީ އިސްރާއީލުގެ ސިޔާސީ މަސްރަހުގައި ނަތަންޔާހޫގެ ހައްދުފަހަނައެޅި ކަނާތުފިޔައިގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތައް އެއްގަލަކަށް އެރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.
އަރަބި ޕާޓީން މިފަދަ ނިންމުމެއް ނިންމި މައިގަނޑު ސަބަބަކީ ނަތަންޔާހޫ އިސްވެ ހުންނަވައިގެން ޣައްޒާއަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތަކާއި، އިސްރާއީލުގައި ދިރިއުޅޭ އަރަބި ދަރިކޮޅުގެ މީހުންނާމެދު ގެންގުޅޭ ތަފާތުކުރުންތަކާއި ހަރުކަށި ސިޔާސަތުތައް ހުއްޓުވުމެވެ. އަދި މިހާރުގެ ސަރުކާރު ބަދަލުކުރުމަށްޓަކައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވޭނެ އެންމެ ފުރުސަތު ބޮޑު ޝަޚުސިއްޔަތަކީ އައިޒެންކޮޓް ކަމަށް އެ ޕާޓީން ދެކެއެވެ.
ގަދީ އައިޒެންކޮޓަކީ އިސްރާއީލުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާގެ އިތުރުން، މިހާރު އިދިކޮޅު އިއްތިހާދުގައި ހިމެނޭ އިސް ސިޔާސީ ލީޑަރެކެވެ. އޭނާ ވަނީ ފަހުން އުފެއްދި ހަނގުރާމައިގެ ކެބިނެޓުގައިވެސް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ނަތަންޔާހޫގެ ޒިންމާދާރުކަން ކުޑަ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން އޭނާ ވަނީ ފަހުން އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.




