އެމެރިކާގެ ނިއުޔޯކް ސްޓޭޓް ސެނެޓުގެ ޑިސްޓްރިކްޓް 12 ގެ ގޮނޑި ކާމިޔާބުކޮށް، ނިއުޔޯކުގެ ގާނޫނުހަދާ މަޖިލީހަށް އިންތިހާބުވި ފުރަތަމަ ފަލަސްތީނު-އެމެރިކާ ބޭފުޅާގެ އިތުރުން، އެ މަޖިލީހަށް އިންތިހާބުވި ފުރަތަމަ ބުރުގާ އެޅި އަންހެން މެންބަރުގެ ތާރީހީ މަގާމު އަބީރު ކަވާސް ހޯދައިފިއެވެ.
ނޮވެމްބަރު 3 ގައި އޮތް އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ޑިމޮކްރެޓިކް ސޯޝަލިސްޓްސް އޮފް އެމެރިކާ (ޑީއެސްއޭ) ގެ މެންބަރު ކަވާސް ވަނީ 47,294 ވޯޓު ހޯދައިފައެވެ. އެއީ ޖުމްލަ ވޯޓުގެ 74.3 އިންސައްތައެވެ. އޭނާއާ ވާދަކުރި ރިޕަބްލިކަން ކެންޑިޑޭޓް ހަން-ކޮން ޓޯއަށް ލިބުނީ 25.4 އިންސައްތަ ވޯޓެވެ.
އިންތިހާބީ ކާމިޔާބީއަށްފަހު އެކްސް ގައި ކުރި ޕޯސްޓެއްގައި ކަވާސް ވަނީ ތާރީހީ ކާމިޔާބީއެއް ހޯދިއްޖެ ކަމަށް ބުނެފައެވެ. ކަވާސް މަގާމުގެ ހުވާކުރާނީ 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އޭނާގެ ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި އިސްކަންދިނީ އަގުހެޔޮ ބޯހިޔާވަހިކަމާއި، އެންމެންނަށް ލިބޭ ސިއްހީ ހިދުމަތް ކަށަވަރުކުރުމާއި، އިމިގްރަންޓުންގެ ހައްގުތައް ހިމާޔަތްކުރުމުގެ މައްޗަށެވެ. މީގެއިތުރުން އެމެރިކާއިން ކުރާ ހަނގުރާމަތަކަށް ދޭ އެހީ ހުއްޓުވުމަށާއި، ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ވަޒަންވެރިވާ އާބާދީތަކަށް އެމެރިކާގެ ޖަމްއިއްޔާތަކުން ފައިސާ ފޮނުވުން ހުއްޓުވުމަށް ވަނީ ވަކާލާތުކޮށްފައެވެ.
ބްރޫކްލިންއަށް އުފަން ކަވާސްއަކީ ޖޯޑަންއިން އެމެރިކާއަށް ހިޖުރަކުރި ފަލަސްތީނުގެ ރެފިއުޖީ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. ކުޑައިރު އޭނާގެ ބައްޕަ އެމެރިކާގެ އިމިގްރޭޝަން (އައިސީއީ) އިން ހައްޔަރުކޮށް ޑީޕޯޓްކޮށްލި ހާދިސާއަކީ އިމިގްރަންޓުންގެ ހައްގުތަކަށް މަސައްކަތްކުރުމަށް އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. ކަވާސް ވަނީ ސިޓީ ކޮލެޖް އޮފް ނިއުޔޯކުން އިންޓަރނޭޝަނަލް ސްޓަޑީޒްއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައެވެ.
ސިޔާސީ ދާއިރާއަށް ނުކުތުމުގެ ކުރިން، އަރަބި އަދި މުސްލިމް އާބާދީތަކުގެ ހައްގުތަކަށާއި މަސައްކަތްތެރިންގެ ހައްގުތަކަށް 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި އޭނާ ވަނީ އިޖުތިމާއީ ހިދުމަތްތަކުގައި މަސައްކަތްކޮށްފައެވެ.




