އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ދަށުން ގައުމުގެ ސިޔާސީ މަޝްރަހު އޮތް ގޮތާމެދު އެމެރިކާގެ ރައްޔިތުން އިންތިހާއަށް ފޫހިވެ، ނުރުހުންވެފައިވާ ކަމަށް ވިދާޅުވެ، މިއަދު ކުރިއަށްދާ މިޑްޓަރމް އިންތިހާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް އިލްތިމާސްކުރައްވައިފިއެވެ.
އިއްޔަ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އޮބާމާ ވިދާޅުވީ، ސިޔާސީ ވެރިންގެ ފަރާތުން މިހާރު ފެންނަމުންދާ ކަންކަމާމެދު ގައުމުގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުން ހިތްހަމަނުޖެހި، ބަދަލަކަށް އެދިއެދި ތިބި ކަމަށެވެ.
"މުޅި ގައުމުގެ އެކި ކަންކޮޅުތަކުން އަހަންނަށް އިވޭ އަޑަކީ، ސިޔާސީ ވެރިންގެ ފަރާތުން މިހާރު ފެންނަމުންދާ ކަންކަމާމެދު ރައްޔިތުން ފޫހިވެ، ވަރުބަލިވެފައިވާ ވާހަކަ. މި އިންތިހާބީ ދުވަހަކީ އަޅުގަނޑުމެން ބޭނުންވާ ބަދަލު ގެނެސްދޭނެ ކެންޑިޑޭޓުން އިންތިހާބުކުރުމުގެ ބާރު އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ދުވަހެއް،" އޮބާމާ ލިޔުއްވާފައިވެއެވެ.
އޮބާމާ މިފަދައިން ވިދާޅުވެފައިވަނީ، ވާދަވެރި މުހިންމު ސްޓޭޓްތަކުގައި ޑިމޮކްރެޓިކް ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށްޓަކައި ހަފުތާތަކެއް ވަންދެން ކެމްޕޭން ކުރެއްވުމަށްފަހުގައެވެ.
އޭނާ ވަނީ ކޮންގްރެސްގެ ބާރުގެ ތިލަފަތް ހަމަހަމަކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭ ޖޯޖިއާ، އޯހިއޯ އަދި މިޝިގަން ފަދަ ވާދަވެރި ސްޓޭޓްތަކުގެ ސެނެޓް ގޮނޑިތަކަށް ޑިމޮކްރެޓިކް ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ހާއްސަ އިލްތިމާސެއް ކުރައްވާފައެވެ.
ކުރީގެ ރައީސް އޮބާމާ ދަނީ ޑިމޮކްރެޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން، ރިޕަބްލިކަން ސަރުކާރުގެ ސިޔާސަތުތަކަށާއި، އެމެރިކާގެ އާއިލާތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
މިޑްޓަރމް އިންތިހާބަކީ ކޮންގްރެސްގެ ކޮންޓްރޯލް ލިބޭނެ ބަޔަކު ނިންމާނެ އިންތިހާބަކަށްވާތީ، މުޅި ދުނިޔެއިންވެސް ދަނީ މި އިންތިހާބު ވަރަށް ކައިރިން ބަލަމުންނެވެ. މި އިންތިހާބުގެ ނަތީޖާއިން ރައީސް ޓްރަމްޕްގެ ރިޔާސީ ދައުރުގެ ބާކީ ބައި ކުރިއަށްދާނެ ގޮތާއި، ސަރުކާރުގެ ގާނޫނީ އެޖެންޑާ ކުރިއަށްގެންދިއުމަށް ލިބޭނެ ފުރުސަތުތައް ސާފުވެގެންދާނެއެވެ.




