އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ މައްސަލަތަކަށް މަޝްވަރާގެ މަގުން ސުލްހަވެރި ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްވިދާޅުވެއްޖެއެވެ.
އެމެރިކާގެ މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވެންސް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކޮށް، އެއްބަސްވުމަކަށް އައުމަށްޓަކައި ޑިޕްލޮމެޓިކް ފެންވަރުގައި ކުރިއަށްދާ މަޝްވަރާތަކަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އަދި މި މަޝްވަރާތަކަކީ ދެމެހެއްޓެނިވި ހައްލަކަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ މެދުއިރުމަތީގެ ހަމަޖެހުން ގާއިމުކުރުމާއި، ދެ ގައުމުގެ ދެމެދުގައި ދިގުލައިގެން ގޮސްފައިވާ ޚިޔާލުތަފާތުވުންތަކަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމެވެ. ނަމަވެސް، މަޝްވަރާތައް ކާމިޔާބުވުމާ ހަމައަށް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެންސް ވިދާޅުވިއެވެ.
އެމެރިކާގެ ސަރުކާރުން އަބަދުވެސް ބާރުއަޅަނީ ސަރަހައްދީ ސުލްހައާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކަމަށާއި، އީރާނާއެކު ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ވެންސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.



