ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ސްޓްރެއިޓް އޮފް ހުރްމުޒް އަލުން ހުޅުވުމަށްޓަކައި، އީރާނުން އެމެރިކާއަށް 2 ދުވަހުގެ އާ ޕްލޭނެއް ހުށަހަޅައި، ވޮޝިންގްޓަނުގެ ރަސްމީ ޖަވާބަކަށް އިންތިޒާރު ކުރަން ފަށައިފިއެވެ. ގަތަރު މެދުވެރިވެގެން ކުރިއަށްދާ މި މަޝްވަރާތަކުގައި އީރާނުން ބުނީ، ކުރިން ދޭން އުޅުނު 7 ދުވަހުގެ މުއްދަތު މިހާރު 2 ދުވަހަށް ކުރުކޮށްފައިވާ ކަމަށެވެ. މި ހުށަހެޅުމުގެ ދަށުން، ފުރަތަމަ ދުވަހު އެމެރިކާއިން ފިޔަވަޅުތައް އެޅުމުން، ޖެހިގެން އަންނަ ދެވަނަ ދުވަހު ކަނޑުގެ ދަތުރުފަތުރުތައް އަލުން ހުޅުވާލެވޭނެއެވެ.

މި މަގު ހުޅުވާލުމަށްޓަކައި އީރާނުން ވަނީ އެމެރިކާއިން ފުރިހަމަކުރަންޖެހޭ 7 ޝަރުތެއް ބުނެފައެވެ. އޭގެ ތެރޭގައި އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން އުވާލުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމުގެ އިތުރުން ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުން ހިމެނެއެވެ. އީރާނުގެ ސަލާމަތީ އިސްވެރިޔާ މުހްސިން ރެޒާއީ ވިދާޅުވީ، އެމެރިކާގެ ވައިސް ޕްރެޒިޑެންޓް ޖޭޑީ ވެންސް ފޮނުއްވި ސިޓީއަކާ ގުޅިގެން އެމެރިކާގެ ވިސްނުން ބަދަލުވެފައިވާ ކަމަށް ފެނުނު ނަމަވެސް، މި ޝަރުތުތައް ފުރިހަމަނުކޮށް ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނާއެކު ކުރެވޭ ވާހަކަތައް ދަނީ ރަނގަޅަށް ކަމަށާއި، ނަމަވެސް އަވަސްއަރުވާލައިގެން އެއްބަސްވުމަކަށް ނާންނާނެ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ ހަނގުރާމައިގެ އާ ހަމަލާތަކެއް ދިނުމާމެދު ޓްރަމްޕް އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އަދި މަޝްވަރާކޮށްގެން މި މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ރޫބިއޯ ފާހަގަކުރެއްވިއެވެ.