މެދުއިރުމަތީގެ ސިޔާސީ އަދި އަސްކަރީ މަސްރަޙަކީ ޒަމާނުއްސުރެ ހަލަބޮލި އަދި އަބަދުވެސް ބަދަލުވަމުން އަންނަ މައިދާނެކެވެ. ނަމަވެސް، ފަހަކަށް އައިސް މި ސަރަޙައްދުގައި ހުޅަނގުގެ، ޚާއްޞަކޮށް އެމެރިކާގެ ނުފޫޒު ކުޑަވަމުންދާއިރު، ސަރަޙައްދީ ބާރުތަކުން އަންނަނީ އިސްނަގައި އާ ބާރުތަކުގެ އޮނިގަނޑެއް (ނިއު ރީޖަނަލް އޯޑަރ) ބައްޓަންކުރަމުންނެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އަދި ނުފޫޒުގަދަ ދައުރެއް އަދާކުރަމުން އަންނަ އެއް ޤައުމަކީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނެވެ. އީރާނުން އަންނަނީ ސަރަޙައްދީ ސިޔާސަތުތަކާއި، ދިފާޢީ ޤާބިލުކަމާއި، ޚާރިޖީ ގުޅުންތަކުގެ ޒަރީޢާއިން މެދުއިރުމަތީގެ ބާރުގެ ހަމަހަމަކަން އައު މިޞްރާބަކަށް އަނބުރާލަމުންނެވެ.
އީރާނުން ސަރަޙައްދީ އޮނިގަނޑު ބަދަލުކުރުމަށް އަޅަމުންދާ އެންމެ މުހިންމު އެއް ފިޔަވަޅަކީ ސަރަޙައްދީ ޤައުމުތަކާ އެކު އޮންނަ ޚާރިޖީ ގުޅުންތައް ބަދަހިކުރުމެވެ. މިގޮތުން، ޒަމާންވީ ވާދަވެރިއެއް ކަމުގައިވާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުން އަލުން ޤާއިމުކުރުމަކީ މި ބަދަލުގެ އެންމެ ވަރުގަދަ ބިންގަލެވެ. މީގެ އިތުރުން ގަލްފުގެ އެހެން ޤައުމުތަކާ އެކު އޮތް ގުޅުން ރަނގަޅުކޮށް، ސަރަޙައްދުގެ ކަންކަން ނިންމުމުގައި ބޭރުގެ ބާރުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ސަރަޙައްދީ ޤައުމުތަކުގެ މެދުގައި ވާހަކަދައްކައިގެން މައްސަލަތައް ޙައްލުކުރުމުގެ ސިޔާސަތެއް އީރާނުން ދަނީ ކުރިއަރުވަމުންނެވެ. މިއީ ސަރަޙައްދުން ސީދާ އެމެރިކާގެ ބާރު ކަނޑުވާލަން އީރާނުން ކުރާ މަސައްކަތެކެވެ.
ދެވަނަ ކަމަކީ، އީރާނުގެ އަސްކަރީ އަދި ދިފާޢީ ޤާބިލުކަން އިތުރުވެ، އެކަން ސަރަޙައްދީ ފެންވަރުގައި ސާބިތުކޮށްދިނުމެވެ. ޚާއްޞަކޮށް ޑްރޯން ޓެކްނޮލޮޖީއާއި މިސައިލް ނިޒާމުތައް ތަރައްޤީކޮށް، ދުޝްމަނުންގެ ހަމަލާތަކަށް ވަގުތުން ރައްދު ދިނުމުގެ ޤާބިލުކަން އީރާނުން ވަނީ ދައްކުވައިދީފައެވެ. ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ތެދުވެ، އަދި އިސްރާއީލުގެ އުދުވާނުތަކަށް ސީދާ ރައްދު ދިނުމުގެ ސަބަބުން، އިސްރާއީލަކީ ބަލިނުކުރެވޭނެ ބާރެއް ކަމަށް ދެކެމުން އައި ދެކުމަށް ވަނީ ނިމުމެއް އައިސްފައެވެ. މިއީ ސަރަޙައްދީ ސަލާމަތީ މަސްރަޙަށް އައި ވަރަށް ބޮޑު ބަދަލެކެވެ.
މީގެ އިތުރުން، އީރާނުން އިސްވެ އުފައްދާފައިވާ "އެކްސިސް އޮފް ރެސިސްޓެންސް" ނުވަތަ ދެކޮޅުވެރިވުމުގެ ބާރުތަކަކީ މެދުއިރުމަތީގެ އައު އޮނިގަނޑުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ލުބުނާނު، ޔަމަން، އިރާޤު އަދި ސީރިއާ ފަދަ ޤައުމުތަކުގައިވާ މި ބާރުތަކުގެ ސަބަބުން، ހުޅަނގުގެ އިސްތިޢުމާރީ ވިސްނުންތަކަށާއި އިސްރާއީލުގެ ފުޅާވުމުގެ ސިޔާސަތުތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. މި އިއްތިޙާދުގެ ސަބަބުން ސަރަޙައްދީ ބާރުތަކުގެ ތިލަފަތް ވަނީ އިސްލާމީ އަދި ޢަރަބި މިނިވަން ޙަރަކާތްތަކުގެ ކޮޅަށް ބުރަވާން ފަށާފައެވެ.
އަދި ހަމައެއާއެކު، ބައިނަލްއަޤްވާމީ ފެންވަރުގައި އީރާނުން ދަނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމުގައިވާ ޗައިނާ އަދި ރަޝިޔާއާ އެކު ގުޅުންތައް އިތުރަށް ބަދަހިކުރަމުންނެވެ. ބްރިކްސް އަދި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ފަދަ ޖަމާޢަތްތަކާ ގުޅުމުގެ ސަބަބުން، ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އަރައިގަނެ، އެމެރިކާގެ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމުގެ މަސައްކަތް އީރާނުން އަންނަނީ ކުރަމުންނެވެ. މިއީ މުޅި މެދުއިރުމައްޗަށް އިޤްތިޞާދީ ގޮތުން އަންނަމުންދާ ބޮޑު ބަދަލެކެވެ.
މެދުއިރުމަތީގެ އާ ބާރުތަކުގެ އޮނިގަނޑު ބައްޓަންވަމުން މިދަނީ ބޭރުގެ ބާރުތަކުގެ ނުފޫޒުން އެއްކިބާވެ، ސަރަޙައްދީ ޤައުމުތަކުގެ ބައިވެރިވުމާ އެކުގައެވެ. މި މުހިންމު ތާރީޚީ ބަދަލުގައި އީރާނުން އަދާކުރަމުންދަނީ އިސް ދައުރެކެވެ. އަސްކަރީ ގޮތުން ވަރުގަދަވުމާއި، އަވަށްޓެހި ޤައުމުތަކާ ގުޅުން ބަދަހިކުރުމާއި، އަދި އިސްރާއީލާއި ހުޅަނގުގެ ނުފޫޒުތަކާ ދެކޮޅަށް ސާބިތުވެ އޮތުމުގެ ސަބަބުން، މެދުއިރުމަތީގެ ސިޔާސީ މުސްތަޤްބަލު ކަނޑައެޅުމުގައި އީރާނަކީ ދޫކޮށްލެވެން ނެތް މުހިންމު ބާރެއްކަން މިއަދު ވަނީ ސާބިތުވެފައެވެ. އެމެރިކާއިން ފުނޑުފުނޑުކޮށްލީމޭ ބުނި ތަންތަން ވެސް މިހާރު އީރާނުން އެހެރީ ކުރިޔަށް ވުރެ މާވަރުގަދައަށް ތަރައްޤީކޮށް، މުޅި މެދުއިރުމަތިން އެމެރިކާ ފައްސާލުމުގެ ޢަޒުމުގައެވެ. އެހެންކަމުން މިހާރު އީރާނާއި ކުޅެލުމަކީ ހީކުރާހާ ފަސޭހަ ކަމެއް ނޫނެވެ!




