މިމަހުގެ 3 ގައި އެމެރިކާގައި ބޭއްވި މިޑްޓަރމް އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ މައިގަނޑު ސަބަބަކީ އީރާނާއެކު ހިނގަމުންދާ އަސްކަރީ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލުން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލުކުރައްވައިފިއެވެ. އިންތިހާބުގެ ނަތީޖާއިން ޑިމޮކްރެޓުން ވަނީ ކޮންގްރެސްގެ ދެ ގޭގެ އަޣުލަބިއްޔަތު ހޯދައި، ރިޕަބްލިކަން ޕާޓީގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާ މެދު އޭނާ ގެންގުޅުއްވާ ސިޔާސަތުތަކަށް އާންމުން ތާއީދުކުރި ނަމަވެސް، އޭގެ ސަބަބުން ގޭސް ސްޓޭޝަންތަކުގައި ތެލަށް ކުރަންޖެހުނު ހަރަދު ބޮޑުވުމުގެ ކުރު މުއްދަތުގެ ނަތީޖާ ބަލައިގަންނަން ރައްޔިތުން ބޭނުންނުވީ ކަމަށެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން އެމެރިކާގައި ތެލާއި ޑީސަލްގެ އަގުތައް ވަނީ ރެކޯޑް މިންވަރަކަށް މަތިވެ، އާންމު ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް އުފުލިފައެވެ. މިކަމުގެ ސަބަބުން ވޯޓުލާ ފަރާތްތަކުގެ މެދުގައި ނުރުހުން އުފެދި، އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށަށްދިޔައެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވެސް ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، ރިޕަބްލިކަން ޕާޓީ ބަލިވުމުގެ ހަގީގީ ސަބަބަކީ އީރާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައެވެ. މުހައްލިލުން ފާހަގަކުރާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ މަސްރަހު ގޯސްވުމުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލި، އެމެރިކާގެ ރައްޔިތުން ވޯޓުލާން ނިކުތީ އެމީހުންގެ ޖީބަށް ކުރި އަސަރަށް ބަލައިގެންނެވެ.
ނަމަވެސް، މި ނާކާމިޔާބީއާ އެކުވެސް އީރާނަށް ހަމަލާދިނުމަށް ނިންމެވި ނިންމެވުން ދިފާއުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ދިގު މުއްދަތަކަށް ބަލާއިރު އެއީ އެމެރިކާގެ ގައުމީ ސަލާމަތަށްޓަކައި ކުރަންޖެހުނު ރަނގަޅު ކަމެއް ކަމަށެވެ. އީރާނަށް ނިއުކްލިއާ ހަތިޔާރެއް ހޯދުމުގެ ފުރުސަތު ނުދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ތާރީހުން އޭނާގެ މި ނިންމެވުމަށް އިންސާފުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ. އިންތިހާބުގެ ނަތީޖާއަށްފަހު، އެމެރިކާގެ ސިޔާސަތުތަކަށް ބަދަލުތަކެއް އައިސް، އީރާނާއެކު ޑިޕްލޮމެޓިކް ހައްލަކަށް ދިއުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ބަލައި، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް މިހާރު ވަނީ ބޮޑުތަނުން ދަށަށްދާން ފަށާފައެވެ



