އެމެރިކާގެ މިޝިގަން ސްޓޭޓުން ވާދަކުރި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަބްދުލް އަލް-ސައްޔިދު، އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ، ސެނެޓުގެ ގޮނޑިއެއް ކާމިޔާބުކޮށް ތާރީހީ ކާމިޔާބީއެއް ހޯދައިފިއެވެ. މިއީ އެމެރިކާގެ ތާރީހުގައި ސެނެޓަށް މުސްލިމަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.
އުމުރުން 42 އަހަރުގެ އަބްދުލް އަލް-ސައްޔިދު މި ގޮނޑި ކާމިޔާބުކުރީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކޮށްގެންނެވެ. މި ސީޓަކީ މަގާމުން ވަކިވި ސެނެޓަރު ގެރީ ޕީޓާސްގެ ސީޓެވެ. އަލް-ސައްޔިދު މަގާމުގެ ހުވާކުރާނީ 2027 ވަނަ އަހަރުގެ ޖަނަވަރީ މަހު އާ ކޮންގްރެސް އެކުލަވާލުމުންނެވެ.
އަބްދުލް އަލް-ސައްޔިދަކީ ޑޮކްޓަރެއްގެ އިތުރުން ޕަބްލިކް ހެލްތު ދާއިރާގެ ކުރީގެ މަސްއޫލުވެރިއެކެވެ. އޭނާގެ ކެމްޕޭން ބިނާކުރީ ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމާއި، ސިއްހީ ހިދުމަތް ފުޅާކުރުމާއި، ސިޔާސީ ކަންކަމުގައި ކޯޕަރޭޝަންތަކުގެ ނުފޫޒު ކުޑަކުރުމުގެ މައްޗަށެވެ.
ކެމްޕޭން ތެރޭގައި އަލް-ސައްޔިދުގެ އިސްލާމީ ދީނީ ހުވިއްޔަތާ ގުޅުވައިގެން ރިޕަބްލިކަން ޕާޓީގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރިއެވެ. އަދި އޭނާއަކީ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާ ގުޅުންހުރި މީހެއް ކަމަށް ބުނެ ހެއްކެއް ނެތް ތުހުމަތުތައް ކުރި ނަމަވެސް، ޑިމޮކްރެޓުން ވަނީ އެއީ އިސްލާމޯފޯބިކް ހަމަލާތަކެއް ކަމަށް ބުނެ ކުށްވެރިކޮށްފައެވެ.
އިންތިހާބު ކާމިޔާބުކުރުމަށްފަހު ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަދައްކަމުން އަލް-ސައްޔިދު ބުނީ، މިއީ އެންމެން ގުޅިގެން ހޯދި ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އަލް-ސައްޔިދުގެ މި ކާމިޔާބީއަކީ އެމެރިކާގެ ސިޔާސީ މަޝްރަހުގައި މުސްލިމުންގެ ތަމްސީލުވުން އިތުރުވުމަށް ލިބުނު ވަރަށް ތާރީހީ އަދި މުހިންމު ކުރިއެރުމެކެވެ.




