އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސީ ކާމިޔާބީއަށް ބަރޯސާވެ ކުރި އުންމީދުތައް ފެނަށް ގޮސް، ދެ ލީޑަރުންނަށްވެސް ސިޔާސީ ގޮތުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު، 435 ގޮނޑި ހިމެނޭ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ޑިމޮކްރެޓުން ވަނީ މަދުވެގެން 237 ގޮނޑި ކާމިޔާބުކޮށް، ސާފު އަޣުލަބިއްޔަތު (218 ގޮނޑި) ހޯދާފައެވެ. އަދި ރިޕަބްލިކަނުންނަށް މިހާތަނަށް ލިބިފައިވަނީ އެންމެ 139 ގޮނޑިއެވެ. ސެނެޓުގެ ކޮންޓްރޯލްވެސް ޑިމޮކްރެޓުން ވަނީ 54 ގޮނޑިއާއެކު ހޯދާފައެވެ. އާންމުކޮށް ރިޕަބްލިކަނުންގެ ވަރުގަދަ ކިއްލާތަކުގެ ގޮތުގައި ބެލެވޭ ޓެކްސަސް، ކެންސަސް، އަދި ސައުތު ކެރޮލައިނާ ފަދަ ސްޓޭޓްތަކުގެ ގޮނޑިތައްވެސް މިފަހަރު ޑިމޮކްރެޓުން ވަނީ އަތުލާފައެވެ. މީގެ އިތުރުން ޖޯޖިއާ އަދި އޮހައިއޯ ފަދަ މުހިންމު ސްޓޭޓްތަކުގެ ގަވަރުނަރުކަންވެސް ޑިމޮކްރެޓުން ވަނީ ކާމިޔާބުކޮށްފައެވެ.
މި ނަތީޖާއާއެކު، ޓްރަމްޕްގެ ދައުރުގެ ބާކީ އޮތް ދެ އަހަރު ދުވަހު އޭނާގެ ސިޔާސަތުތައް ކުރިއަށްގެންދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ.
ޣައްޒާއަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި ހިންގަމުންދާ ގަތުލުއާންމުތަކުގައި ނަތަންޔާހޫ އެންމެ ބޮޑު އެހީތެރިކަމެއް އަދި ސިޔާސީ ހިމާޔަތެއް ލިބޭނެ ކަމަށް ބަލައިގެން ހުރީ ޓްރަމްޕްގެ ވެރިކަމެއްގައެވެ. ނަމަވެސް އެމެރިކާގެ ސިޔާސީ މަސްރަހަށް އައި މި ބަދަލުތަކާއެކު، ޓްރަމްޕަށް ނާކާމިޔާބުވުމަކީ ނަތަންޔާހޫގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތުތަކަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.
މި ނާކާމިޔާބީގެ ސަބަބުން އިސްރާއީލުގެ އެތެރޭގެ މަސްރަހުގައިވެސް ނަތަންޔާހޫއަށް ވަނީ ފިއްތުންތައް ބޮޑުވެފައެވެ. ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން އިސްރާއީލު އެކަހެރިވަމުންދާއިރު، އެމެރިކާއިން ކުރިން ލިބެމުންދިޔަ ފަދަ ފުރިހަމަ ސިޔާސީ ކަވަރޭޖެއް ދެން ނުލިބޭނެ ކަމަށް މުހައްލިލުން ދެކެއެވެ.
މީގެ އިތުރުން، މުޅި މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުކޮށް، ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ނަތަންޔާހޫ ރޭވި ރޭވުންތައް ޓްރަމްޕްގެ ނާކާމިޔާބީއާއެކު ވަނީ ބޮއްސުންލައިގެން ގޮސްފައެވެ. ބައިނަލްއަޤްވާމީ ކޯޓުތަކުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލަމުންދާ މިދަނޑިވަޅުގައި، ނަތަންޔާހޫގެ މަގާމު ވަނީ އިހުނަށްވުރެ ބޮޑަށް ބަލިކަށިވެފައެވެ.
އަނިޔާވެރިކަމާއި ފުޅާވަމުންދިޔަ ހަނގުރާމައަށް ބާރުދިނުމަށް ޓްރަމްޕާއެކު ނަތަންޔާހޫ ޖެހި ހިސާބު ދިމާނުވެ، މިހާރު ދެ ލީޑަރުންވެސް ތިބީ ބައިނަލްއަޤްވާމީ އަދި އެތެރޭގެ ސިޔާސީ މަސްރަހުގައި ބޮޑު ގޮންޖެހުމެއްގެ ތެރޭގައެވެ.



