ތެހެރާނުގެ ނާޒުކު މަރުކަޒުތަކަށް ޙަމަލާދޭން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން، އީރާނުގެ އިސްލާމީ އިންގިލާބީ ގާޑުންގެ ލަޝްކަރު (އައި.އާރް.ޖީ.ސީ) އިން ވަރުގަދަ އިންޒާރުތަކާއި އެކު ބަޔާނެއް ނެރެފިއެވެ. އީރާނުން މި ބަޔާން ނެރުނުއިރު، ހުރްމޫޒް ކަނޑުއޮޅީގައި އޮންނަ އީރަނުގެ މުހިއްމު ރަށެއް ކަމަށްވާ "ޤެޝްމް އައިލެންޑް" އަށް އެމެރިކާގެ އަސްކަރިއްޔާއިން ޙަމަލާ ދިންކަން ފާހަގަ ކުރެވެއެވެ.
ބައިނަލްއަޤްވާމީ ޚަބަރުތަކުން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކަށް އަމާޒުކޮށް އައި.އާރް.ޖީ.ސީ އިން ޤެޝްމް ރަށުން ފޮނުވާލި ސާފޭސް-ޓު-އެއަރ މިސައިލް ޙަމަލާއަކާ ގުޅިގެން، އެމެރިކާގެ ފައިޓަރ ޖެޓްތަކުން ވަނީ އެ ރަށުގައި ހުރި މިސައިލް ފޮނުވާލާލާ ލޯންޗަރު ދިފާޢުގައި ހަލާކުކޮށްލާފައެވެ.
މި ހަމަލާތަކުގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ލިބެމުންދާ ހަނގުރާމައިގެ އިންޒާރުތަކަށް ތައްޔާރުވުމުގެ ވާހަކަތަކާއެކު، އީރާނުން ވަނީ 'މެކްސިމަމް ޑިޓަރެންސް' (އެންމެ މަތީ ދިފާޢީ ރައްދު) ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން، ތެހެރާނުގެ ތަޖްރީޝް މައިދާނުގައި އާންމު ރައްޔިތުން ހަނގުރާމައަށް ތަމްރީނުކުރުމަށް ޚާއްޞަ ސެންޓަރެއް ހުޅުވައި، އާންމުންނަށް ހަތިޔާރު ބޭނުންކުރާނެ ގޮތުގެ އަސާސީ ތަމްރީނުތައް ދޭން ވެސް ވަނީ ފަށާފައެވެ.
އައި.އާރް.ޖީ.ސީ ގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޙުސައިން މުޙައްބީ ހާމަކުރެއްވި ގޮތުގައި، އީރާނުގެ ރޫޙާނީ ލީޑަރުގެ އިރުޝާދުގެ ދަށުން، އަސްކަރިއްޔާއިން މިހާރު ވަނީ އައު ޖިއޮގްރަފިކަލް ސަރަޙައްދުތަކަކަށް އޮޕަރޭޝަންތައް ފުޅާކުރުމަށް ޕްލޭންކޮށްފައެވެ. މީގެ ތެރޭގައި ދުޝްމަނުންގެ މުވާޞަލާތީ ކޭބަލްތަކާއި، އަސްކަރީ އަދި އިޤްތިޞާދީ މަރުކަޒުތައް ހިމެނޭ ގޮތަށް ޓާގެޓް ޑޭޓާބޭސް އަޕްޑޭޓްކުރުން ހިމެނޭ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.



