އިނގިރޭސިވިލާތުގެ ހުޅަނގުގައި އޮންނަ އާރުއޭއެފް ފެއާފޯޑް ވައިގެ މަރުކަޒަށް ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވި ކަމުގެ ތުހުމަތުގައި، އީރާނުގެ މަދަދު ލިބޭ ތިން މީހެއްގެ މައްޗަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ދައުވާ އުފުލައިފިއެވެ. ނިއުޔޯކުގެ ކޯޓެއްގައި ހާމަކުރި މި ދައުވާތަކުގައި ހިމެނެނީ އެމެރިކާގެ ޖަލެއްގައި މިހާރުވެސް ހުރި އީރާނާއި އިރާގުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ބާގިރު އަލް-ސާދީ އާއި، އީރާނުގެ ރައްޔިތެއް ކަމަށްވާ މުހުސިން މުހާޖިރީގެ އިތުރުން އިރާގުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަލީ އަލް-ހަސަނީއެވެ. މި ތިން މީހުންނަކީ އީރާނުގެ އިންގިލާބީ ގާޑުންނާއި އިރާގުގެ ހަތިޔާރުއެޅި ޖަމާއަތަކާ ގުޅިގެން ޔޫރަޕާއި އެމެރިކާގެ ޔަހޫދީ އާބާދީތަކަށާއި އަސްކަރީ ތަންތަނަށް ގާތްގަނޑަކަށް 20 ހަމަލާއެއް ދޭން ރޭވި ބައެއް ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.
ތަހުގީގީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ނިއުޔޯކުގެ ޖަލުގައި ހުރި އަލް-ސާދީ ވަނީ އިރާގުގައި ތިބި އޭނާގެ މަންމައާއި ދައްތައަށް ފޯނުން ގުޅައި، ސިއްރު ބަހުރުވައިން ވާހަކަދައްކައިގެން މި ހަމަލާ ރާވަން ފައިސާ ފޮނުވުމަށް އަންގާފައެވެ. އެ ފައިސާ ބޭނުންކޮށްގެން އިނގިރޭސިވިލާތުގައި ތިބި ބަޔަކު މެދުވެރިކޮށް ތެޔޮ އުފުލާ ވޭންތަކެއްގެ ސިފައިގައި ތިން ވޭން ތައްޔާރުކޮށް، ގޮވާތަކެތި އުފެއްދުމަށް ބޭނުންވާ ކެމިކަލާއި ދަގަނޑު އެތިކޮޅުތައް ހޯދާފައިވާ ކަމަށް ދައުވާގައިވެއެވެ. މި ހަމަލާ ދޭން އުޅުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު ވޭންތަކުގައި އެ މަރުކަޒާ ދިމާލަށް ދަތުރުކޮށްގެންނެވެ.
ނަމަވެސް، ޝައްކުކުރެވޭ ހުދު ކުލައިގެ ތިން ވޭން ވައިގެ މަރުކަޒު ކައިރީގައި އުޅޭތަން ފެނިގެން އެ ސަރަހައްދުގެ ދަނޑުވެރިއަކު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ ހަމަލާ ވަނީ ނާކާމިޔާބުކޮށްލާފައެވެ. އެ ހާދިސާއާ ގުޅިގެން އިނގިރޭސި ފުލުހުން ވަނީ އެ ސަރަހައްދުގެ 85 ގެއަކުން މީހުން ހުސްކޮށް، ބޮން ނައްތާލާ ޓީމުތައް ނެރެ 5 މީހަކު ހައްޔަރުކޮށްފައެވެ. އަދި މި ހާދިސާއަށްފަހު އިނގިރޭސިވިލާތުން ވަނީ ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން ދެ މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ.
އީރާނާ ދެކޮޅަށް ހަމަލާދިނުމަށް އެމެރިކާގެ ބީ-1ބީ ލާންސާ ބޮންއަޅާ މަތިންދާބޯޓުތައް ބޭނުންކުރަމުންދިޔަ މި މަރުކަޒަށް ނުރައްކާ އޮތް މިންވަރު ބޮޑުވުމުން، އެމެރިކާއިން ވަނީ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެ ތަނުގައި ހުރި ހުރިހާ ބޮންއަޅާ މަތިންދާބޯޓުތައް އަނބުރާ އެމެރިކާއަށް ގެންގޮސްފައެވެ. މި ހަމަލާ ރޭވުމުގެ ފަހަތުގައި ވަނީ އީރާނުގެ ސަރުކާރު ކަމަށް އިނގިރޭސި ބޮޑުވަޒީރު ވިދާޅުވި ނަމަވެސް، އީރާނުން ވަނީ މިކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.




