ޔަމަނުގެ ވެރިރަށް ސަންޢާ ގައި ހުންނަ ރަސްމީ ތެޔޮ ކުންފުނީގެ މައި އިމާރާތަށް ބޭރުގެ ބާރުތަކުން ވައިގެ މަގުން ވަރުގަދަ ބޮންތަކެއް އަޅައި ބޮޑެތި ގެއްލުންތަކެއް ދީފި ކަމަށް ހޫޘީންގެ އަސްކަރީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މި ހަމަލާއާއެކު އެ ސަރަޙައްދުގައި ބާރުގަދަ އަލިފާންގަނޑެއް ވަނީ އުފެދިފައެވެ.
މަސްދަރުތަކުން ރިޕޯޓްކުރި ގޮތުގައި، މިއީ މަދަނީ އަދި އިޤްތިޞާދީ މުހިންމު ވަޞީލަތްތައް ހަލާކުކޮށްލުމަށްޓަކައި ދެވުނު އުދުވާނީ ހަމަލާއެކެވެ. ހަމަލާ ދިން ވަގުތަކީ މުވައްޒަފުން މަސައްކަތުގައި ތިބި ވަގުތަކަށް ވުމުން، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ފުރަތަމަ ލިބުނު ރިޕޯޓްތައް ބުނެއެވެ.
ޔަމަނުގެ ސިއްޙީ އެހީތެރިން ދަނީ އަލިފާންގަނޑު ކޮންޓްރޯލްކުރުމަށާއި، އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް ކުއްލި ޙާލަތުގައި ހަރަކާތްތެރިވަމުންނެވެ. ހޫޘީން ބުނީ މިފަދަ ހަމަލާތަކުގެ ސަބަބުން އެފަރާތުގެ އަސްކަރީ ޢަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.



