ޔަމަނުގެ ވެރިރަށް ސަންޢާ ގެ އިރުމަތީގައިވާ މަދަނީ ސަރަޙައްދަކަށް ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ދިން ބާރުގަދަ ވައިގެ ހަމަލާތަކެއްގައި މަރުވި މީހުންގެ އަދަދު 44 އަށް އަރާފައިވާ ކަމަށް ރޭ ރިޕޯޓްކޮށްފިއެވެ. މި ހަމަލާގައި އިތުރު 40 މީހަކު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. ހޫޘީ ޖަމާޢަތުގެ ސިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، މަރުވި 44 މީހުންގެ ތެރޭގައި 21 ކުޑަކުދިންނާއި 10 އަންހެނުން ހިމެނެއެވެ
ހޫޘީ ޖަމާޢަތުގެ ރަސްމީ މީޑިއާއާއި ހަވާލާދީ މަސްދަރުތަކުން ބުނިގޮތުގައި، މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. ހަމަލާ އަމާޒުވި އިމާރާތްތަކުގެ ކުނިތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.
ހޫޘީ ޖަމާޢަތުގެ އަސްކަރީ ކޮމާންޑަރުން ވަނީ މިއީ މަދަނީންނަށް އަމާޒުކޮށް ދިން ބޮޑު އުދުވާނެއް ކަމަށް ބުނެފައެވެ. އަދި މީގެ ބަދަލުހިފުމުގެ ގޮތުން ކުރިއަށް އޮތް ވަގުތުތަކުގައި ސައުދީގެ އެއާޕޯޓްތަކަށާއި ތެޔޮ ފަދަ މުހިންމު ވަޞީލަތްތަކަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.



