ޔަމަނުގެ ސަރުކާރު ސިފައިން ހޫޘީންނާ ދެކޮޅަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި ކަމަށް ޔަމަނުގެ ރަސްމީ ސަރުކާރު ސިފައިންގެ އަސްކަރީ ތަރުޖަމާނު ކާނަލް މާޖިދު އަލް-ނަޒީލީ ވިދާޅުވެއްޖެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، ހޫޘީ ޖަމާޢަތާ ދެކޮޅަށް ފަށާފައިވާ "ޑޯން އޮފް ޔަމަން" އޮޕަރޭޝަނުގެ ދަށުން ހޫޘީންގެ 267 ހަނގުރާމަވެރިން ވަނީ މަރުވެ، ޒަޚަމްވެ ނުވަތަ ފިލައިގެން ގޮސްފައެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ޔަމަނުގެ ސަރުކާރުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ މާރިބް، ތަޢިއްޒު، އަދި ޠުރް އަލް-ބަހާ ފްރަންޓްތަކުގައިވާ ހޫޘީންގެ މަރުކަޒުތަކަށް 19 ވައިގެ ހަމަލާއެއް ދީފައެވެ. އަދި ޑްރޯން ބޭނުންކޮށްގެން 29 ޓާގެޓެޑް ހަމަލާ ދީފައިވެއެވެ. މީގެ އިތުރުން 944 އާޓިލަރީ އަދި ރޮކެޓް ހަމަލާ ހޫޘީންގެ މަގާމުތަކަށް ވަނީ އަމާޒުކޮށްފައެވެ.

ކާނަލް އަލް-ނަޒީލީ ވިދާޅުވީ، ސަރުކާރު ސިފައިން ދަނީ މާރިބް، ތަޢިއްޒު، އަދި އަލް-ޖައުފް ފްރަންޓްތަކުގައި ކުރިއެރުންތައް ހޯދަމުންނެވެ. އަދި އުތުރު ފްރަންޓުން އާ ބިންތަކެއް ހޫޘީންގެ އަތުން މިހާރު ވަނީ މިނިވަންކޮށް، ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.