ޔަމަނުގެ އުތުރުގައި އޮންނަ، ޙޫޘީ ޖަމާޢަތުގެ އެންމެ ވަރުގަދަ މަރުކަޒު ކަމަށްވާ ޞަޢުދާ ޕްރޮވިންސްގެ ޞަޙާރު ޑިސްޓްރިކްޓްގައި ހިމެނޭ ބަނީ މުޢާޛް ސަރަޙައްދަށް އަމާޒުކޮށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފިއެވެ. ޙޫޘީންގެ ބާރުގެ ދަށުގައި އޮންނަ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ޙަމަލާތައް އަމާޒުވީ ޢާންމުން ދިރިއުޅޭ ގެދޮރަށެވެ. މި ބޮން އެޅުމުގެ ޙަމަލާތަކުގައި މަދުވެގެން 9 މީހުން މަރުވެ، 19 މީހުން ޒަޚަމްވެފައިވާ އިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ޙަމަލާގެ ޒިންމާ ޙޫޘީ ޖަމާޢަތުން ވަނީ ސައުދީ އަރަބިއްޔާގެ މައްޗަށް އަޅުވާފައެވެ. ޙޫޘީންގެ ރަސްމީ މީޑިއާ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ސައުދީގެ ހަނގުރާމަމަތީ ބޯޓުތަކުން ބަނީ މުޢާޛް ސަރަޙައްދަށް ޖެހިޖެހިގެން ދެ ޙަމަލާ ދިނުމަށްފަހު، އެ ސަރަޙައްދުގެ ވަށައިގެންވާ ރަށްތަކަށް ބަޑިއާއި އާޓިލަރީންވެސް ޙަމަލާދީފައިވެއެވެ.
ނަމަވެސް، މި ޙަމަލާތަކާ ގުޅިގެން ސައުދީ ސަރުކާރުން ނުވަތަ ޔަމަނުގެ ރަސްމީ ސަރުކާރުގެ އަސްކަރިއްޔާއިން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.


