ޣައްޒާގައި ހައިހޫނުކަމުގެ ޝިކާރައަކަށް ވެފައިވާ 500,000 (ބައި މިލިއަން) ފަލަސްޠީނު ރައްޔިތުންނަށް މަހުން މަހަށް ދެމުންދިޔަ ކާބޯތަކެތީގެ އެހީ މިއަދުން ފެށިގެން ހުއްޓާލައިފިއެވެ. ޑަބްލިއު.އެފް.ޕީ ގެ ޣައްޒާގެ ޑައިރެކްޓަރު ޝޯން ހިއުސް ވިދާޅުވީ، ފަންޑިންގް އެއްކޮށް ހުސްވުމުގެ ސަބަބުން އެހީ ލިބޭ މީހުންގެ އަދަދުން ބައި މިލިއަން މީހުން އުނިކުރަން މަޖުބޫރުވީ ކަމަށެވެ.
މި ނިންމުމާއެކު ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ބަނޑަށް މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރު ސިއްހީ ޖަމާއަތްތަކުން ދަނީ ދެމުންނެވެ. ޣައްޒާގެ އާންމުން ބުނާ ގޮތުގައި އިސްރާއީލުގެ ހިސާރުކުރުމުގެ ސަބަބުން ބާޒާރުތަކުން މުދާ ހުސްވެފައިވާއިރު، އދ. ގެ އެހީއަކީ އެމީހުން ދިރިތިބުމަށް އޮތް ހަމައެކަނި އުންމީދެވެ.
މި ނުރައްކާތެރި ދަނޑިވަޅާ ދިމާކޮށް ޔޫއޭއީ އިން ވަނީ 789 ޓަނުގެ ކާބޯތަކެއްޗާއި ފޭލިގޭގެ އެހީ ހިފައިގެން ދަތުރުކުރި 60 ލޮރީގެ ގާފިލާއެއް ރަފަޙް ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވައްދާފައެވެ.
ނަމަވެސް ބައިނަލްއަގުވާމީ އިދާރާތަކުން ބުނަނީ ޣައްޒާގެ 2 މިލިއަން މީހުން ސަލާމަތްކުރުމަށްޓަކައި ދުވާލަކު މަދުވެގެން 600 ލޮރީގެ އެހީ ބޭނުންވާ ކަމަށެވެ.



