ޔަމަނުގެ ސަރުކާރުގެ އަސްކަރިއްޔާއިން، އެގައުމުގެ އުތުރުގެ ޕްރޮވިންސެއް ކަމަށްވާ އަލްޖައުފުގައި ހޫޘީ ހަނގުރާމަވެރިންގެ އަސްކަރީ ސާމާނުތަކަކަށް ޑްރޯން މެދުވެރިކޮށް ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށް ބުނެފިއެވެ.
ޔަމަނުގެ ސަރުކާރުގެ އަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާ އަމާޒުކޮށްފައިވަނީ އަލްޖައުފު ސަރަހައްދުގައި ހަރަކާތްތެރިވާ ހޫޘީ ހަނގުރާމަވެރިންނަށް އަސްކަރީ އެހީތެރިކަމާއި ހަތިޔާރު ފޯރުކޮށްދިނުމަށް ގެންދިޔަ ކޮންވޯއަކަށެވެ. މި އޮޕަރޭޝަނުގައި ހޫޘީންގެ އަސްކަރީ އުޅަނދުތަކަކާއި ހަތިޔާރުތަކެއް އެއްކޮށް ހަލާކުކޮށްލެވިފައިވާ ކަމަށް ސަރުކާރުގެ ސިފައިން މައުލޫމާތު ދެއެވެ.
ޔަމަނުގެ ސިފައިން ހާމަކުރި ގޮތުގައި، މި ހަމަލާ ދީފައި ވަނީ އެ ސަރަހައްދުގައި ހޫޘީންގެ ހަރަކާތްތައް އިތުރުވަމުންދާ ކަމަށް ލިބުނު ޖާސޫސީ މައުލޫމާތުތަކަކަށް ބިނާކޮށް، އެ ޖަމާއަތުގެ އަސްކަރީ ގާބިލުކަން ކުޑަކުރުމުގެ މަގުސަދުގައެވެ. މި ހަމަލާގައި ހޫޘީންގެ ބަޔަކު މަރުވި ނުވަތަ ޒަޚަމްވި ކަމުގެ ތަފްސީލެއް އަދި މިހާތަނަށް އެ ޖަމާއަތުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އަލްޖައުފަކީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ސްޓްރެޓީޖިކް ގޮތުން ވަރަށް މުހިންމު ސަރަހައްދެކެވެ. މިއީ ސައޫދީ އަރަބިއްޔާގެ ބޯޑަރު ކައިރީގައި އޮންނަ، އަދި ތެލުގެ މުއްސަނދިކަން ލިބިފައިވާ މާރިބް ޕްރޮވިންސާ އިންވެގެން އޮންނަ ސަރަހައްދަކަށް ވާތީ، މި ސަރަހައްދުގެ ކޮންޓްރޯލް ހޯދުމަށް ދެ ފަރާތުގެ ދެމެދުގައި ދޭތެރެދޭތެރެއިން ވަރުގަދަ ކުރިމަތިލުންތައް ހިނގަމުންދެއެވެ.




