ސައޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ އެގައުމުގެ ދިފާއީ ވުޒާރާގެ މައި މަރުކަޒަށް އަމާޒުކޮށް ޙޫޘީން ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފި ކަމަށް ބުނެފިއެވެ. ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަޙްޔާ ސަރީޢު ރަސްމީކޮށް ހާމަކުރެއްވި ގޮތުގައި، އެޖަމާއަތުގެ އަސްކަރީ ބާރުތަކުން ރިޔާޟްގައި ހުރި ސައޫދީ މިނިސްޓްރީ އޮފް ޑިފެންސް ޢިމާރާތަށް ދިން ހަމަލާ ވަނީ ސީދާ އަމާޒަށް ވާސިލުވެ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ހަމަލާއާއެކު ރިޔާޟްގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ގޮވުންތަކުގެ އަޑު އިވި، މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައި ކަމަށް ޙޫޘީން ބުނެއެވެ.

މި ހަމަލާއާ ގުޅިގެން ސައޫދީ ޢަރަބިއްޔާގެ ރަސްމީ އިދާރާތަކުން ދެނީ ތަފާތު މައުލޫމާތުތަކެކެވެ. ސައޫދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ބުނިގޮތުގައި، ޔަމަނުގެ އެތެރެއިން ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްގެ ތެރެއިން ދެ މިސައިލެއް އެގައުމުގެ ޝާހީ ވައިގެ ދިފާއީ ބާރުތަކުން ވަނީ ވައިގެ ތެރޭގައި ކާމިޔާބުކަމާއެކު ހުރަސް އަޅައި ގޮއްވާލާފައެވެ. ސައޫދީން ދިފާއީ ވުޒާރާއަށް ހަމަލާ އަމާޒުވި ކަމަށް ޙޫޘީން ކުރާ ދައުވާއަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް، މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލުމުގެ ސަބަބުން ފައިބައިގެން އައި އެތިކޮޅުތައް ރިޔާޟްގެ ސިޓީ ސެންޓަރުގެ އެކި ސަރަހައްދުތަކަށް ވެއްޓިފައިވާ ކަމަށް ސައޫދީ ސިވިލް ޑިފެންސްއިން ބުނެއެވެ. މިގޮތުން ވެއްޓުނު ބައިތަކުން ރިޔާޟްގައި ހުރި އާންމުންގެ ޢިމާރާތަކަށާއި، މަސައްކަތް ކުރަމުންދާ ކޮންސްޓްރަކްޝަން ސައިޓަކަށް އަދި މަގުމަތީގައި އޮތް އަމިއްލަ ވެހިކަލަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.