ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ އަދި އެ ޤައުމުގެ ރައްޔިތުންނާއެކު ސާބިތުވެ އޮތް ގައުމެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ތުރުކީގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް-31 ސަމިޓުގެ ހަވާސާގައި ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުހައްމަދު މުސްތަފާއާ އެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، ދިވެހިރާއްޖެއިން ފަލަސްތީނާމެދު ބަހައްޓަމުން އަންނަ ގާތްކަމާއި، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ފަލަސްތީނުގެ އަޚުންނާއި އުހުތުންނަށް އޮތް ހާއްސަ ލޯތްބާއި އަހުވަންތަކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެއްވެސް ޝަރުތަކާ ނުލައި، ނުގުޑާފަދަ އަޒުމެއްގައި ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް އެރުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ފަސްގަނޑުގައި ކަރާމާތާއި އިންސާފުވެރި ދިރިއުޅުމެއް ލިބެންޖެހޭނެކަން ފާހަގަކުރައްވައި، އެ ރައްޔިތުން ކުރަމުންދާ ހައްގު ޖިހާދަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް ވިދާޅުވި އެވެ. މީގެއިތުރުން، ފަލަސްތީނުގެ މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމުގައި ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ތަކުރާރު ކުރެއްވި އެވެ.
ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ދަނީ ބައިނަލްއަގްވާމީ އެކި މައިދާންތަކުގައިވެސް ވަކާލާތުކޮށް އަޑުއުފުލަމުންނެވެ. އެގޮތުން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދުކުރުމުގެ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރުމުގެ އިތުރުން، އިސްރާއީލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި، ސަރުކާރުން ވަނީ އެކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ.
ރައީސް ވިދާޅުވީ، އިންސާފާއި މިނިވަންކަން އަދި ދެމެހެއްޓެނިވި ސުލްހަ ގާއިމުވަންދެން، ފަލަސްތީނުގެ ރައްޔިތުން ދުވަހަކުވެސް އެކަނިވެރިވިޔަ ނުދޭނެ ކަމަށާއި، ދިވެހިރާއްޖެ ދެމިއޮންނާނީ އަބަދުވެސް ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރާ ގައުމެއްގެ ގޮތުގައި ކަމަށެވެ.



