ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ތަރައްގީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެ ކަންތައް ކަމަށް ވިދާޅުވެ، ޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ނާޒުކު ހާލަތްތަކުން އަރައިގަތުމަށްޓަކައި ފަސޭހައިން އަދި ލުއި ގޮތެއްގައި މޫސުމީ މާލީ އެހީ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ކޮޕް31 ގެ ހަވާސާގައި ބޭއްވި "ދަ ސެކަންޑް ޑިކޭޑް އޮފް ދަ ޕެރިސް އެގްރީމަންޓް: އެކްސެލެރޭޓިން އިމްޕްލިމެންޓޭޝަން އެންޑް އެކްސެސް ޓު ފައިނޭންސް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން ތަރައްގީގެ ޕްލޭންތަކުގައި މޫސުމީ ވިލުންތެރިކަން ހިމަނައިގެން ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ބައިނަލްއަގްވާމީ މާލީ ނިޒާމުގައި ހުރި އުނިކަންކަމުގެ ސަބަބުން، ރަށްތަކާއި ރައްޔިތުން ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ ފަދަ ގައުމުތަކަށް ބޮޑެތި ދަރަނިތައް ނަގަން މަޖުބޫރުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުންތަކަކީ ހަމައެކަނި ނާޒުކު ގައުމުތަކަށް އެކަނި ހައްލުކުރެވޭނެ ކަންކަން ނޫންކަން ފާހަގަކުރައްވައި، ގައުމުތަކުގެ އާމްދަނީއަށް އެކަނި ބެލުމުގެ ބަދަލުގައި، ކުދި ގައުމުތަކަށް ކުރިމަތިވާ އެކި ކަހަލަ ނާޒުކު ހާލަތްތަކަށް ރިއާޔަތްކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަ "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޮރ ސިޑްސް" އާއި މޫސުމީ ވައުދުތައް އަމަލީ ސިފައަކަށް ގެނައުމަށް ފަށާފައިވާ "ބްރިޖް" އިނީޝިއޭޓިވްއަށް އެމަނިކުފާނު މަރުހަބާ ވިދާޅުވިއެވެ.
ޕެރިސް އެގްރީމަންޓްގެ ދެވަނަ ދަހަރަށް ދުނިޔެ ކުރިމަތިލާއިރު، ހަމައެކަނި ވައުދުތަކެއް ވުމުގެ ބަދަލުގައި އެ އެއްބަސްވުން ތަންފީޒުކުރުމަށް ހުރިހާ ގައުމުތަކުން ސާބިތުކަމާއެކު މަސައްކަތް ކުރުމަށް ރައީސް ގޮވާލެއްވިއެވެ. އަދި ތާރީހުގައި ލީޑަރުންނާ މެދު ގޮތް ނިންމާނީ އެ ބޭފުޅުން ވާ ވައުދުތަކަށްވުރެ ބޮޑަށް، އެހީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މީހުންނަށް ހޯދައިދެވޭ އަމަލީ ނަތީޖާތަކުގެ މައްޗަށް ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.





