ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު، ކާބަފައިންގެ ފަރާތުން ވާރުތަވި އެންމެހާ ރިވެތި އަހްލާގީ ސިފަތައް ދެމެހެއްޓުމަށާއި ގައުމު އިސްކުރުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރެއްވިއެވެ. މިފަދަ މުހިންމު ދުވަހެއް ފާހަގަކުރަމުންދާއިރު، ގައުމުދެކެ ލޯބިވުމާއި ގައުމީ ވިސްނުން އަބަދުވެސް އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ ވަނީ އަލިއަޅުވާލައްވާފައެވެ.
ތާރީހަށް ފުންކޮށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ، ހުރަވީ ދުވަހުގެ ބަތަލް ދޮން ބަންޑާރައިން ނުވަތަ އައްސުލްތާނުލްގާޒީ ހަސަން އިއްޒުއްދީން ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވީ ވެރިކަމުގެ މޮޅަކަށް ނުވަތަ އަމިއްލަ ޝަރަފަކަށް ނޫން ކަމަށެވެ. އެގޮތުން ދިވެހި ތަހުތު އެމަނިކުފާނަށް ވެދުން ކުރެއްވި ހިނދު އެކަމާ އިންކާރުކުރައްވައި، އަމާނަތްތެރިކަން އިސްކުރައްވައި ހޮޅީންގެ ބަންދުގައި ހުންނެވި ދިވެހި ރަސްގެފާނަށް ވަފާތެރިކަން އަދާކުރެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ބިނާވެފައިވަނީ ހަމައެކަނި އުމްރާނީ ބިނާކުރުމުގެ މައްޗަށް އެކަނި ނޫން ކަމަށާއި، އޭގެ އިތުރުން އިންސާނީ ބިނާކުރުމަށް ވެސް މެދުނުކެނޑި މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އިންސާނީ ބިނާކުރުމުގައި ގައުމުދެކެ ލޯބިވުމުގެ ފުން އިހްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރެއްވުމަށްޓަކައި، ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއެއް ފަށްޓަވައިގެން އެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މުޖުތަމައުގައި އަހްލާގާއި ހަރުދަނާ އާދަތައް އަށަގެންެއްވުމަށްޓަކައި "އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އަންނަ ހޮނިހިރު ދުވަހުގެރޭ އިފްތިތާހު ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް މިނިސްޓަރ ހާމަކުރެއްވިއެވެ. ގައުމެއްގައި ތަރައްގީއާއި ކުރިއެރުމުގެ ހަގޯގޯ ފޮނި މީރުކަން ލިބޭނީ އެގައުމެއްގެ އިންސާނީ ސިކުނޑިތައް އެންމެ ހެޔޮގޮތުގައި ބިނާކުރެވިގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިޝަން 2040 ގެ ދަށުން ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުމަށް ކުރެވޭ އުމްރާނީ އަދި އިސްތިރާޖީ މަސައްކަތްތަކާ އެކުއެކީގައި، މިފަދަ އިންސާނީ ބިނާކުރުމުގެ މަސައްކަތްތަކުން ވަށާޖެހޭ ތަރައްގީއެއް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ދޮން ބަންޑާރައިންގެ ގުރުބާނީން ފިލާވަޅު ލިބިގަނެ، ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތައް އެކަމަނާ ވަނީ ތަފްސީލުކޮށް ފާހަގަކުރައްވާފައެވެ.
ނިންމާލަމުން ވަޒީރު ވިދާޅުވީ، ކާބަފައިންގެ ޖުއުރަތާއި ވަފާތެރިކަމުގެ މިސާލުން ހިތްވަރު ލިބިގަނެ، ގައުމު އަބަދުވެސް އިސްކުރުމަށާއި، ރިވެތި އަހްލާގާއި ގައުމިއްޔަތު ކުރިއެރުވުމަށް އެންމެހާ ރައްޔިތުން ވެސް މަސައްކަތްކުރެއްވުމަށެވެ. އަދި ހުރަވީ ދުވަހުގެ ޖަލްސާގައި އެކަމަނާ ވަނީ މި ކަންކަން ހަނދާނުގައި ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.




