އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ކޮންމެހެން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ތުރުކީވިލާތުގައި މިހާރު ކުރިއަށްދާ ކޮޕް 31 ސަމިޓުގެ ހަވާސާގައި ބޭއްވި "ކްލީން އެނާޖީ ޓްރާންސިޝަން އެންޑް އިލެކްޓްރިފިކޭޝަން ހައިލެވެލް ޑައިލޮގް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަކީ ހަމައެކަނި ރާއްޖޭގެ ނާޒުކު ތިމާވެށްޓަށް އެންމެ އެކަށޭނަ ހަކަތައިގެ ބާވަތް ނޫން ކަމަށެވެ. އޭގެ އިތުރުން އެއީ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އަދި ހަރަދުކުޑަކޮށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވެސް ރާއްޖެއަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރާއްޖެއަކީ ބޭރުގެ ބާޒާރުތަކުން އިމްޕޯޓްކުރާ ތެލަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ކުއްލި ލޮޅުންތަކުގެ ނޭދެވޭ އަސަރު ސީދާ ގޮތުން ރާއްޖޭގެ އިގްތިސާދަށް ފޯރާ ކަމަށެވެ. އެހެންކަމުން ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ބޮޑަކަށް ކުޑަކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ހާސިލުކުރަން ބޭނުންވާ މައިގަނޑު އެއް އަމާޒު ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް 2023 ވަނަ އަހަރު އަމާޒެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވެ، މުޅި ރާއްޖެއަށް އިއާދަކުރަނިވި ހަކަތައިގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ހަކަތަ އުފައްދާ ނިޒާމުތަކާއި ހަކަތަ ރައްކާކުރާ ނިޒާމުތައް (ބެޓެރީ ސްޓޯރޭޖް) ގާއިމުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާކަމަށާއި، މިއީ ގޮންޖެހުންތައް ގިނަ ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ގައުމަކީ ޖަޒީރާ ރަށްތަކަކަށްވުމުން، އިއާދަކުރަނިވި ހަކަތައިގެ ނިޒާމްތައް ގާއިމްކޮށް ބެލެހެއްޓުމަށް ބޮޑެތި ގައުމުތަކުން ކުރަންޖެހޭ ހޭދައަށްވުރެ ބޮޑު ހޭދައެއް ރާއްޖެއިން ކުރަންޖެހޭ" ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން ކަނޑައަޅާފައިވާ މި އަމާޒުތަކަށް ވާސިލުވުމަށްޓަކައި 10 އަހަރު ދުވަހުގެ ދިގު ރާސްތާގެ މަގުޗާޓެއް އެކުލަވާލާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެ ކަންކަން ފުރިހަމައަށް ތަންފީޒުކުރުމަށް މާލީ ގޮތުންނާއި، ޓެކްނޮލޮޖީގެ ރޮނގުން އަދި އިންވެސްޓްމަންޓްތަކުގެ ދާއިރާއިން ބައިނަލްއަގްވާމީ އެހީތެރިކަން ނުހަނު ބޮޑަށް ބޭނުންވާ ކަމަށެވެ.
މީގެއިތުރުން ރައީސް ވަނީ ތިމާވެށްޓާ ރައްޓެހި ފެހި ހަކަތައިގެ ދާއިރާއިން ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކާއި ބައިނަލްއަގްވާމީ ޕާޓްނަރުންނާއެކު ގާތުން މަސައްކަތްކުރުމަށް ދިވެހިރާއްޖެ ފުރިހަމައަށް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން އަރުވާފަ އެވެ.



