މޫސުމީ ނާޒުކުކަމަކީ ދިވެހިރާއްޖޭގެ މުސްތަގްބަލް ކަނޑައަޅާ ކަމަކަށް ވެގެން ނުވާނެ ކަމަށާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލުން ރާއްޖޭގެ ރަށްތަކާއި ރައްޔިތުން ރައްކާތެރިކުރުމަށް ސަރުކާރުން އަބަދުވެސް ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް ނޭޝަންސް ގްލޯބަލް ސެންޓަރ ފޮރ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް) އިން އިންތިޒާމުކޮށްގެން ބޭއްވި "ސީ-ލެވެލް ރައިޒް: މަލްޓި-ލެވެލް އެކްޝަން ފޮރ ކޯސްޓަލް ރެޒިލިއަންސް" ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ގޮންޖެހުމެއްގެ އިތުރުން، ގައުމުގެ ދެމިއޮތުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ރާއްޖޭގެ ބިމުން ކިތަންމެ ކުޑަ މިންވަރެއް ގެއްލުނަސް، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ސިޔާދަތާއި، ތާރީހާއި، ދިވެހިވަންތަކަމަށް ކުރާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކަށް ހޭނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގޮނޑުދޮށްތައް ހިމާޔަތްކުރުމަށާއި، މުރަކައިގެ ފަރުތަކާއި ކުޅި ފަދަ ގުދުރަތީ ދިފާއީ ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، މޫސުމީ ރައްކާތެރިކަމަށް ކުރެވުނު މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި ހުޅުމާލެ ފާހަގަކުރައްވައި، އިއާދަކުރަނިވި ހަކަތައިން ހިންގާ، އަދި ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ލަފާކުރެވޭ މިންވަރަށްވުރެ އުސްކޮށް ތަރައްގީކުރާ "ރަސްމާލެ" އީކޯ-ސިޓީ މަޝްރޫއުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ގެންގުޅުއްވާ ތަސައްވުރުގެ ދަށުން، ތަރައްގީގެ ހުރިހާ ޕްލޭންތަކެއްގައި މޫސުމީ ވިލުންތެރިކަން ހިމެނިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަމަކީ ސަދަގާތެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، މޫސުމީ އިންސާފުގެ ދަށުން ހިލޭ އެހީގެ (ގްރާންޓް) އުސޫލުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ. އަދި އަންނަން އޮތް ޖީލުތަކަށްވެސް ކާބަފައިންގެ މި ފަސްގަނޑުގައި ދިރިއުޅެ ކުރިއެރުމުގެ ފުރުސަތު ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.





