އަންނަ ޖެނުއަރީ މަހު އެމެރިކާގެ ސެނެޓަރުކަމުގެ ހުވާކުރައްވާއިރު، ކީރިތި ޤުރުއާނުގައި އަތްބާއްވައިގެން ހުވާކުރެއްވުމަށް ނިންމަވާފައިވާ ކަމަށް މިޝިގަން ސްޓޭޓްގެ އިންތިހާބީ ސެނެޓަރު އަބްދުލް އަލް-ސައްޔިދު ވިދާޅުވެއްޖެއެވެ.
މިއީ އެމެރިކާގެ ތާރީހުގައި ވެސް ޤުރުއާނުގައި އަތްބާއްވައިގެން ހުވާކުރައްވާ ފުރަތަމަ ސެނެޓަރެވެ.
މި މަހު ބޭއްވި އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މައިކް ރޮޖާސް ބަލިކުރައްވައި، އެމެރިކާގެ ސެނެޓަށް އިންތިހާބުވެވަޑައިގެންނެވި ފުރަތަމަ މުސްލިމް ބޭފުޅާގެ ޝަރަފު ހޯއްދަވާފައިވާ ޑިމޮކްރެޓިކް ޕާޓީގެ އަލް-ސައްޔިދަށް ހުވާލައިދެއްވާނީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއެވެ.
އެމެރިކާގެ ގާނޫނުއަސާސީގައި މަގާމުގެ ހުވާކުރުމަށް ވަކި ދީނީ ފޮތެއް ބޭނުންކުރުން ލާޒިމުކޮށްފައި ނުވި ނަމަވެސް، ގިނަ އޮފިޝަލުން ހުވާކުރައްވަނީ އެބޭފުޅެއްގެ އަގީދާއާ ގުޅުންހުރި މުގައްދަސް ފޮތެއްގައެވެ.
ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބޭނުންކުރައްވާނީ ތާރީހީ ދެ މުސްހަފުގެ ތެރެއިން ކޮން މުސްހަފެއްކަމާ މެދު އަދި ވަކި ގޮތެއް ނިންމަވާފައި ނުވާ ކަމަށް އަލް-ސައްޔިދު ވިދާޅުވިއެވެ. އޭނާގެ ވިސްނުންފުޅުގައި ހުރި ފުރަތަމަ މުސްހަފަކީ އެމެރިކާގެ ކުރީގެ ރައީސް ތޯމަސް ޖެފަސަން ގެންގުޅުއްވި 1764 ވަނަ އަހަރުގެ އިނގިރޭސި ތަރުޖަމާއެވެ. މީގެ ކުރިން 2007 ވަނަ އަހަރު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ފުރަތަމަ މުސްލިމް މެންބަރު ކީތު އެލިސަން ވެސް ހުވާކުރެއްވީ ލައިބްރަރީ އޮފް ކޮންގްރެސްގައި އޮންނަ ޖެފަސަންގެ މި މުސްހަފުގައެވެ.
އަލް-ސައްޔިދު ހިޔާރުކުރައްވަން ވިސްނަވާ ދެވަނަ މުސްހަފަކީ ޔުނިވާސިޓީ އޮފް މިޝިގަންގައި ރައްކާކޮށްފައިވާ، މިޝިގަން ސްޓޭޓަށް ގެނެވުނު އެންމެ ފުރަތަމަ ޤުރުއާނެވެ. ވަރަށް ގިނަ ދުވަސްވީ އެ ތާރީހީ މުސްހަފަކީ ވެސް ހުވާކުރެއްވުމަށް ބޭނުންކުރެއްވުން އެންމެ އެކަށީގެންވާ މުސްހަފެއް ކަމަށް އަލް-ސައްޔިދު ފާހަގަކުރެއްވިއެވެ.




