ޓެލެކޮމިއުނިކޭޝަން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި އެމެރިކާގެ އެތެރޭގެ ވައިގެ ދަތުރުފަތުރުތައް ގިނަ ވަގުތުތަކަކަށް މެދުކަނޑާލުމަށް ފަހު، އަލުން ފަށައިފިއެވެ. ނަމަވެސް މި މައްސަލައިގެ ސަބަބުން ގިނަ ފްލައިޓްތަކެއް ކެންސަލްވެ އަދި ޑިލޭވުމުގެ ދަތިތައް އަދިވެސް ދަނީ ކުރިމަތިވަމުންނެވެ.
އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން އެތެރޭގެ އުދުހުންތައް އަލުން ފެށުމުގެ ހުއްދަ ދިން ނަމަވެސް، ދަތުރުފަތުރާ ބެހޭ މިނިސްޓަރު ޝޯން ޑަފީ ވިދާޅުވީ މި މައްސަލަ ދިމާވީ އެއާ ޓްރެފިކް ކޮންޓްރޯލްގައި ބޭނުންކުރާ ބާ ސިސްޓަމްތަކާއި ރައުޓަރުތަކަށް ބާރުބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަދި މި ނިޒާމު ޒަމާނީ ނުކުރެވިއްޖެނަމަ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް އިންޒާރު ދެއްވައި، މިކަމަށް ބޭނުންވާ ބަޖެޓު ހަމަޖައްސައިދިނުމަށް އޭނާ ވަނީ ކޮންގްރެސްއަށް ގޮވާލައްވާފައެވެ.
ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން ވިދާޅުވީ، ދަތުރުތައް މެދުކަނޑާލަން ޖެހުނީ ބާވެފައިވާ ސިސްޓަމްތައް އަޕްޑޭޓް ކުރުމުގެ ތެރޭގައި ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މިއީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަމަލާއެއްގެ ސަބަބުން ހިނގި ކަމެއް ނޫން ކަމަށާއި، މި ހަފުތާގައި މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ދިމާވި މައްސަލައާ މިކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް އޭނާ ކަށަވަރުކޮށްދެއްވިއެވެ.
ފްލައިޓް ޓްރެކްކުރާ 'ފްލައިޓްއަވެއާ' އިން ހާމަކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު އެމެރިކާގެ އެތެރޭގައާއި، އެ ގައުމަށް އެތެރެވާ އަދި ބޭރުވާ 7،700 އަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. އަދި 8،000 އަށް ވުރެ ގިނަ ފްލައިޓް ޑިލޭވެފައިވާއިރު، ހޮނިހިރު ދުވަހަށް ތާވަލުކުރެވިފައިވާ 2،000 އަށް ވުރެ ގިނަ ފްލައިޓްވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ.
ޝޯން ޑަފީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވައިގެ ދަތުރުފަތުރުގެ ހާލަތު އާންމު ހަމައަކަށް އެޅުމަށް ވަގުތު ނަގާނެއެވެ. ނަމަވެސް، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަންނަ 'ތޭންކްސްގިވިންގ' ބަންދުގެ ދަތުރުތަކަށް މިކަމުގެ ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



