އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަވަހާރަކޮށްލައި، ދުނިޔެއިން ނައްތާލުމަށް އީރާނުގެ އަސްކަރިއްޔާއިން އަޒުމު ކަނޑައަޅާފައިވާ ކަމަށް ބުނެ، ތެހެރާނުން ވަރަށް ހަރުކަށި އިންޒާރެއް ދީފިއެވެ. އީރާނުގެ ހަތިޔާރުއެޅި ލަޝްކަރުތަކުގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ބްރިގޭޑިއާ ޖެނެރަލް ކިޔޫމަރްސް ހައިދަރީ، އެ ގައުމުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ނޮވެންބަރު 11 ވަނަ ދުވަހު ދެއްވި ބަޔާނެއްގައި ވިދާޅުވީ، އީރާނުގެ ސިފައިން ދުނިޔޭގައި ދިރިތިބިހާ ހިނދަކު އެ ދެ ލީޑަރުންގެ ކިބައިން ބަދަލުހިފުމުގެ އަމާޒަށް ވާސިލުވާން މަސައްކަތް ކުރާނެ ކަމަށެވެ.
މި އިންޒާރަކީ މި އަހަރުގެ ފެބްރުއަރީ މަހު އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގައި، އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާއި ގުޅިގެން ބަދަލުހިފުމުގެ ރޫހުގައި ދީފައިވާ އިންޒާރެކެވެ. ޖެނެރަލް ހައިދަރީ ފާހަގަކުރެއްވި ގޮތުގައި، ޚާމަނާއީގެ ލޭގެ ބަދަލު ހިފުމުގައި އީރާނުން އެއްވެސް ދުލެއް ނުދޭނެއެވެ. ހަމައެއާއެކު، އީރާނުގެ އާ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ ވަނީ، ދުނިޔޭގެ ކޮންމެ ބައްރެއްގައި ނުވަތަ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް ދުޝްމަނުންގެ އަމާޒުތަކަށް ހަމަލާދިނުމުގެ ފުރިހަމަ އިހުތިޔާރު އީރާނުގެ އަސްކަރިއްޔާއަށް ދެއްވާފައި ކަމަށް އިންގިލާބީ ގާޑުންގެ އިސް މުޝީރު މުހައްމަދު ރިޒާ ނަގްދީ ވަނީ ވިދާޅުވެފައެވެ.
އީރާނުގެ ސިޔާސީ އަދި އަސްކަރީ އެހެން އިސް ވެރިންވެސް ވަނީ މި މޭރުމުން ވަރުގަދަ އިންޒާރުތަކެއް ދެއްވާފައެވެ. އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، އިޒްރޭލުން ވަކިން ހަނގުރާމައެއް ފެށި ނަމަވެސް އީރާނުގެ ރައްދު ހަމަލާތައް އަމާޒުވާނީ އިޒްރޭލާއި އެމެރިކާއަށް އެކުގައި ކަމަށެވެ. އަދި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރިޒާއީ ވަނީ، އީރާނާ ދެކޮޅަށް އަލުން ވައިގެ ހަމަލާތަކެއް ފަށައިފިނަމަ، މެދުއިރުމަތީގެ އިތުރުން ޔޫރަޕްގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް ހަމަލާދޭނެ ކަމަށް އިންޒާރު ދެއްވާފައެވެ.
އަނެއްކޮޅުން، އީރާނުގެ މި އިންޒާރުތައް އައިސްފައިވަނީ، އީރާނަށް އަލުން އަސްކަރީ ހަމަލާތަކެއް ދިނުމާ ގުޅޭގޮތުން ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު ފޯނުން ވަރަށް ހޫނު ބަހުސެއް ހިނގާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށްފަހު ޓްރަމްޕް ޑިޕްލޮމެޓިކް ހައްލަކަށް އިސްކަންދެއްވަން ބޭނުންފުޅުވި ނަމަވެސް، އީރާނަށް އަލުން ހަމަލާދިނުމަށް ނަތަންޔާހޫ ގެންދަވަނީ ކޮންމެ ދުވަހަކު ޓްރަމްޕަށް ފިއްތުންތައް ކުރިމަތިކުރައްވަމުންނެވެ. މި ނުތަނަވަސްކަމުގެ ތެރޭގައި އެމެރިކާއިން އީރާނުގެ ކަނޑުގެ ސަރަހައްދު ބްލޮކްކޮށް އިގުތިސާދީ ފިއްތުންތައް ވަރުގަދަކޮށްފައިވާއިރު، ދެ ފަރާތުގެ ދެމެދުގައި އާ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ



