ދިވެހިރާއްޖޭގެ ކާރިސާތަކާ ބެހޭ ގައުމީ އިދާރާ (އެންޑީއެމްއޭ) ގެ މަސައްކަތްތައް ހަރުދަނާކޮށް، ގައުމީ ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އަލްފާޟިލާ ޢާއިޝަތު ޞަފޫރާ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްގެ ޑިރެކްޓަރ އެލާ ޕީ. ކަމިންސްއާއެކު ދިފާއީ ވުޒާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ، ކާރިސާތަކުން ރައްކާތެރިވުމަށާއި، ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމުގެ ގާބިލުކަން ރާއްޖޭގައި އިތުރުކުރުމަށް ބޭނުންވާ މުހިންމު ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން އެހީތެރިކަން ހޯދުމުގެ މައްޗަށެވެ. މީގެއިތުރުން، އެންޑީއެމްއޭގެ ގާނޫނީ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި، އެ އިދާރާގެ ފަންނީ އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.
ހަމައެއާއެކު، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެ ގައުމުގެ ސްޓްރެޓީޖިކް މަސްލަހަތު ހިމެނޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.




