މެދުއިރުމަތީގައި އީރާނާއެކު ހިނގަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ ކަނޑުގެ ސިފައިންގެ މަތިންދާބޯޓު އުފުލާ ތިންވަނަ މަނަވަރު ކަމަށްވާ "ޔޫއެސްއެސް ތިއޮޑޯ ރޫޒްވެލްޓް" މެދުއިރުމަތީގެ ސަރަހައްދަށް ފޯރައިފިއެވެ. އެމެރިކާގެ ދިފާއީ ވުޒާރާގެ އޮފިޝަލަކު ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި މަނަވަރު މިހާރު ވަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑް ގެ ބެލުމުގެ ދަށުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެހެން ދެ މަނަވަރާ ގުޅިފައެވެ. މިއީ އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރު އިތުރަށް ވަރުގަދަކުރުމަށް އެޅި ފިޔަވަޅެކެވެ.
އެމެރިކާގެ އަސްކަރީ ބާރު ސަރަހައްދުގައި ގަދަކުރަމުންދާތީ، އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބާބާދީ ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާއިން އިސްވެ ހަމަލާދެންދެން އީރާނުން މަޑުކޮށްގެން ނޯންނާނެ ކަމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި އިސްވެ ހަމަލާދޭނެ ކަމަށެވެ. އަދި ޑިޕްލޮމެސީއާއި މަޝްވަރާގެ ނަމުގައި އެމެރިކާއިން މަސައްކަތް ކުރަނީ އިތުރު ހަމަލާއަކަށް ތައްޔާރުވުމަށް ވަގުތު ހޯދުމަށް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މި ނުތަނަވަސްކަމުގެ ތެރެއިން، ދުނިޔޭގެ ތެލުގެ ދަތުރުފަތުރަށް އެންމެ މުހިންމު މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ މަސްރަޙުވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.



