މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލެން ފަށައިފިއެވެ.
މިއަހަރުގެ ކުރީކޮޅު ހަނގުރާމަ ފެށުނީއްސުރެ މިއަދާ ހަމައަށް، ދުނިޔޭގެ ހަކަތައިގެ ބާޒާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސައޫދީ އަރަމްކޯއިން ކަނޑައަޅާ ކައްކާ ގޭސް (އެލް.ޕީ.ޖީ) ގެ އަގު ކޮންމެ މަހަކުވެސް ދަނީ ބޮޑުވަމުންނެވެ. ހާއްސަކޮށް މި ނޮވެމްބަރު މަހު އަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާއިރު، އެލް.ޕީ.ޖީ އުފުލާ އުޅަނދުފަހަރުގެ ފްރައިޓް ޗާޖުތައް ބޮޑުވުމުގެ ސަބަބުން، ދުނިޔޭގެ އެކި ގައުމުތަކުގައި ގޭހުގެ އަގު ވަނީ ގާތްގަނޑަކަށް ދެގުނަވެ، %70 އަށް ވުރެ މައްޗަށް އުފުލިފައެވެ.
އަރަމްކޯއިން މި ނޮވެމްބަރު މަހަށް ކަނޑައެޅި ކޮންޓްރެކްޓް އަގުތަކަށް ބަލާއިރު، ޕްރޮޕޭން ޓަނެއްގެ އަގު ވަނީ 720 އެމެރިކާ ޑޮލަރަށް އަދި ބިއުޓޭން ޓަނެއްގެ އަގު ވަނީ 780 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މެދުއިރުމަތިން އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް އެލް.ޕީ.ޖީ ފޯރުކޮށްދިނުމުގައި މައިގަނޑު މިންގަނޑެއްގެ ގޮތުގައި ބަލަނީ އަރަމްކޯގެ މި އަގުތަކަށެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދިވެހިރާއްޖެއަށް އެލް.ޕީ.ޖީ އެތެރެކުރުމުގެ އެއްބަސްވުންތަކުގެ އަގުތައްވެސް ކޮންމެ މަހަކު ކަނޑައަޅަނީ އަރަމްކޯގެ މި މިންގަނޑަށް ރިއާޔަތްކޮށެވެ. މީގެއިތުރުން، ހޮރުމޫޒު ކަނޑުއޮޅީގެ ހާލަތާ ގުޅިގެން ރާއްޖެއަށް ގޭސް ސަޕްލައިކުރާ ބޯޓުފަހަރުގެ ފްރައިޓް އަގު %200 އަށް ވުރެ ބޮޑުވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ފާއިތުވި އޮގަސްޓް، ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހަށްފަހު، މި ނޮވެމްބަރު މަހަކީ ވިދިވިދިގެން އެލް.ޕީ.ޖީގެ އަގު އުފުލުނު ހަތަރުވަނަ މަހެވެ. މިދިޔަ އަހަރުގެ މި ދުވަސްވަރު އަރަމްކޯއިން އަގުތައް އެއްވަރެއްގައި ހިފެހެއްޓި ނަމަވެސް، މިފަހަރު އަގު އުފުލިފައިވަނީ ދުނިޔޭގެ ބާޒާރުގައި އެލް.ޕީ.ޖީ ލިބުމަށް ދަތިވުމުގެ އިތުރުން، ހުޅަނގުގެ ގައުމުތަކަށް ފިނިމޫސުން ފެށުމާއެކު ހަކަތައަށް އޮތް ޑިމާންޑް އިންތިހާއަށް އިތުރުވުމާ ގުޅިގެން ކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ.




